31 މާޗް 2018 - 11:00

ވޮޝިންޓަން (މާޗް 31) - އެމެރިކާގެ ވިސާ އަށް އެދޭ ކޮންމެ މީހެއްގެ ސޯޝަލް މީޑިއާ ހިސްޓްރީ ބަލަން އެ ގައުމުގެ ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ އާ ހުށަހެޅުމުގައިވާ ގޮތުން މީގެ ފަހުން ވިސާ އަށް އެދި ހުށަހަޅާ އިރު ފޭސްބުކާއި ޓްވިޓާގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރު ބޭނުންކުރި ސޯޝަލް މީޑިއާގެ ހުރިހާ އައިޑެންޓިޓީއެއްގެ ތަފްސީލް ދޭން ޖެހޭނެ އެވެ. އާ ހުށަހެޅުން ފާސްވެއްޖެ ނަމަ ގާތްގަނޑަކަށް 14.7 މިލިއަން މީހުންނަށް އެ ކަމުގެ އަސަރު ކުރާނެ އެވެ.
ވިސާ އަށް ހުށަހަޅާ އިރު ވޭތުވެދިޔަ ފަސް އަހަރު ބޭނުންކުރި ފޯނު ނަމްބަރުތަކާއި އީމެއިލް އެޑްރެސް އަދި ޓްރޭވަލް ހިސްޓްރީގެ ތަފްސީލް ވެސް ދޭން ޖެހެ އެވެ. އަދި އެއްވެސް ގައުމަކުން ޑިޕޯޓްކޮށްލާފައިވޭތޯ އާއި ތިމާގެ މީހަކު ޓެރަރިސްޓް ހަމަލާއެއްގައި ބައިވެރިވެފައިވޭތޯ ވެސް ސާފުކޮށްދޭން ޖެހޭނެ އެވެ.
އާ ޕްރޮޕޯޒަލްގައިވާ ގޮތުން އެމެރިކާ އިން ފްރީ-ވިސާ ދޭ ގައުމުތަކުގެ މީހުންނަށް މި މައުލޫމާތު ހިމަނާކަށް ނުޖެހޭނެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތް، ކެނެޑާ، ފްރާންސް އަދި ޖަރުމަން ހިމެނެ އެވެ. ނަމަވެސް އިންޑިއާ، ޗައިނާ އަދި މެކްސިކޯ ފަދަ ގައުމުތަކުގެ މީހުން ޗުއްޓީގައި ނުވަތަ މަސައްކަތް ކުރަން ނަމަވެސް އެމެރިކާ ވިސާ އަށް އެދޭ އިރު އެ މައުލޫމާތު ދޭން ޖެހޭނެ އެވެ.
މިހާރު އޮންނަ ގޮތުން ސޯޝަލް މީޑިއާގެ މައުލޫމާތު ޗެކް ކުރަނީ ވިސާ އަށް އެދޭ މީހާއާ މެދު އޮފިޝަލުންނަށް ޝައްކެއް ކުރެވޭ ނަމަ އެވެ.
ސިވިލް ލިބަޓީ ގްރޫޕްތަކުން ބުނެފައި ވަނީ އެއީ ޕްރައިވެސީ އަށް އަރައިގަތުމެއް ކަމަށާއި އެކަމުގެ ސަބަބުން ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ ކަމަށެވެ.