ގްރިޒްމަންގެ ބަދަލުގައި އެތުލެޓިކޯ އަށް ޑީބަލާ؟
ގްރިޒްމަންގެ ބަދަލުގައި އެތުލެޓިކޯ އަށް ޑީބަލާ؟

މެޑްރިޑް (މާޗް 31) – މި ސީޒަނަށް ފަހު އެތުލެޓިކޯ މެޑްރިޑް ދޫކޮށްލާނެ ކަމަށް ބެލެވޭ އެންޓޮއިން ގްރިޒްމަންގެ ބަދަލުގައި އެ މަގާމަށް ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ ގެންނަން އެތުލެޓިކޯ އިން މަސައްކަތްކުރަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސް ފޯވާޑް ގްރިޒްމަން ގެންދިއުމަށް ޔޫރަޕުގެ ބޮޑެތި ބައެއް ކްލަބްތަކުން ޝައުގުވެރިވާއިރު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން ވަނީ އޭނާއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް އެކަމަށް މަސައްކަތްކުރާ ކަމަށްވެ އެވެ.

ސްޕެއިނުގެ މީޑިއާތަކުން ބުނާ ގޮތުގައި ގްރިޒްމަންގެ ބަދަލަށް ކުޅުވަން އެތުލެޓިކޯ އިން އެންމެ އިސްކަމެއް ދެނީ ޑީބަލާ އަށް ކަމަށާއި އެ ކްލަބުގެ ވިސްނުމަކީ އޭނާ ގެނައުމުގެ ޑީލުގައި އެ ޓީމުގެ މޮންޓެނީގްރޯ ޑިފެންޑަރު ސްޓެފަން ސަވިޗް ހިމެނުން ކަމަށެވެ.

ޑީބަލާގެ ބޭބެ ގުސްޓާވޯއާ އެކު އެތުލެޓިކޯ އިން މިހާރު ވެސް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެ އެވެ. އަދި ގްރިޒްމަން ވިއްކާލައިގެން ލިބޭ ހުރިހާ ފައިސާއެއް ހޭދަކުރީ ޑީބަލާ ގެންނަން ކަމަށް ވެސް ވެ އެވެ. މި ހުރިހާ ކަމަކަށް ބާރު ލިބެނީ ދާދި ފަހުން އެތުލެޓިކޯގެ ކޯޗު އާޖެންޓީނާގެ ޑިއެގޯ ސިމިއޯނީއާ އެކު މެޑްރިޑުގައި ޑީބަލާ ބައްދަލުކުރުމުންނެވެ.

އުމުރުން 24 އަހަރުގެ ޑީބަލާ ވަނީ ޔުވެންޓަސްއާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ.