އަލަށް ކައިވެނި ކުރާ މީހުންނަށް 1،000 ފްލެޓް ދެނީ
އަލަށް ކައިވެނި ކުރާ މީހުންނަށް 1،000 ފްލެޓް ދެނީ

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން މެނިފެސްޓޯގައިވާ ގޮތުގެ މަތިން، އަލަށް ކައިވެނި ކުރާ މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަލަށް ކައިވެނި ކުރާ މީހުންނަށް ޚާއްސަކޮށް ހުޅުމާލޭގައި އެއް ކޮޓަރީގެ 1،000 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ފްލެޓްތައް ދޫކުރަން ފަށާނެ ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ބޯހިޔާވަހިކަން ހަމަނުޖެހިގެން އެތައް ޒުވާނުންނަކަށް ވަނީ ކައިވެނި ކުރެވޭނެ ގޮތް ނުވެފަ އެވެ.

ކައިވެނި ކޮށްގެން އުޅޭ އުމުރުން 18-40 ދެމެދުގެ މީހުންނަށް، މިހާރު އިއުލާން ކޮށްފައިވާ 7،000 ފްލެޓުގެ ތެރެއިން ވެސް ފްލެޓް ވަނީ ޚާއްސަ ކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ވަކި އުމުރެއް ކަނޑައެޅީ ކައިވެނިކޮށް، އާއިލާތައް ބިނާކުރަމުންދާ މީހުންނަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

އަލަށް އިއުލާން ކުރި 7،000 ފްލެޓް ދެނީ 11 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

- ސިވިލް ސާވިސް: 1،000
- ކައިވެނި ކޮށްގެން އުޅޭ އުމުރުން 18-40 ދެމެދުގެ މީހުންނަށް: 1،000
- މާލޭގެ ރަށްވެހިންނަށް: 1،000
- ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް: 1،044
- ޑޮކްޓަރުންނާއި ނަރުހުންނަށް: 475
- ޓީޗަރުންނަށް: 625
- ފުލުހުންނާއި ސިފައިންނަށް: 600
- އެކަނިވެރި މައިންނާއި ބަފައިންނަށް: 400
- ނުކުޅެދޭ އާއިލާތަކަށް: 200
- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300
- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256

މުއިއްޒު ވިދާޅުވީ އެއިން ކެޓަގަރީއެއްގައި ނުހިމެނޭ މީހުންނަށް ވެސް ކުރިމަގުގައި ހިންގާ މަޝްރޫތަކުން ފްލެޓް ލިބޭނެ ކަމަށެވެ.