ޒަމްޒަމް ވަޅުގެ މަރާމާތުގެ މަސައްކަތް ނިންމާލައިފި
ޒަމްޒަމް ވަޅުގެ މަރާމާތުގެ މަސައްކަތް ނިންމާލައިފި

މައްކާ (މާޗް 30) - ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތް މި ހަފުތާގައި ނިންމާލައިފި އެވެ.

މަރާމާތުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ މައްކާގެ އަމީރު އަދި ދެ ހަރަމްގެ ޚާދިމްގެ އެޑްވައިޒަރު ޕްރިންސް ޚާލިދު އަލް ފައިސަލް ބިން އަބްދުލް އަޒީޒް އާއި ދެ ހަރަމްގެ ކަންކަން ބަލަހައްޓާ އޮފީހުގެ ވެރިޔާ ޝެއިޚް އަބްދުއްރަހްމާން ސުދައިސް ބައިވެރިވެވަޑައިގެންފަ އެވެ. މަރާމާތުގެ ނިމުން ފާހަގަ ކުރުމުގެ ކުރިން ވަނީ އެ މަސައްކަތް ކުރަން، ގެފުޅުގެ ފަށާ ޖަހާފައިވާ ޕާޓިޝަން ވެސް ނަގައިފަ އެވެ. އަދި އިހްރާމް ހެދުމުގައި ނޫނަސް ގެފުޅު ހިމެނޭ ސަރަހައްދަށް ތަވާފް ކުރަން މިހާރު ވަދެވެ އެވެ.

ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ. ކުރިން ވެސް ތާވަލްކޮށްފައި ވަނީ އަންނަ ރޯދަ މަހުގެ ކުރިން މަސައްކަތް ނިންމާލާ ގޮތަށެވެ.

މަރާމާތުގެ މަސައްކަތުގައި 11 ކްރޭނުގެ އެހީގައި 250 އިންޖިނޭރުންނާއި ޓެކްނީޝަނުން އަދި މަސައްކަތު މީހުން، ނަމާދު ވަގުތުތައް ފިޔަވައި، 24 ގަޑިއިރު މަސައްކަތް ކުރި އެވެ. މަސައްކަތުގައި އުޅުނު ސުޕަވައިޒިން އިންޖިނޭރުންގެ 96 ޕަސެންޓަކީ ސައުދީ މީހުންނެވެ. ޒަމްޒަމް ވަޅާ ގުޅުވައިގެން ހަދާ މަގުތަކުގެ ފުޅާ މިނުގައި އަށް މީޓަރު އަދި ދިގު މިނުގައި 120 މީޓަރު ހުރެ އެވެ.

ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ މަސައްކަތުގައި ދެ ފިޔަވަހި ކުރިއަށް ގެންދިޔަ އެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނުނީ މަތާފް އޭރިއާގެ (ތަވާފް ކުރާ ސަރަހައްދު) ގެ އިރުން ފަސް ފާލަން ހެދުމެވެ. އަދި ދެ ވަނަ ބައިގައި ހިމެނެނީ ޒަމްޒަމް ފެން ސްޓެރިލައިޒް ކުރުމާއި ވަޅު ވަށައިގެން ކުރިން ހުރި ކޮންކްރީޓްތަކާއި ދަގަނޑުތައް ނެގުމެވެ.