ކޮފީ ވިއްކޭނީ ކެންސަރުގެ އިންޒާރާއެކުގައި ކަމަށް ހުކުމްކޮށްފި
ކޮފީ ވިއްކޭނީ ކެންސަރުގެ އިންޒާރާއެކުގައި ކަމަށް ހުކުމްކޮށްފި

ކޮފީ ވިއްކާއިރު އެއީ ކެންސަރަށް މަގު ފަހިކުރުވަފާނެ އެއްޗެއް ކަމުގެ އިންޒާރުގެ މެސެޖެއް ހިމަނަންޖެހޭނެ ކަމަށް އެމެރިކާގެ ކެލިފޯނިއާގެ ސުޕީރިއާ ކޯޓުން ބުދަ ދުވަހު ހުކުމް ކޮށްފި އެވެ.

މި ހުކުމް ކޮށްފައި ވަނީ އަމިއްލަ ޖަމާއަތެއް ކަމަށްވާ ކައުންސިލް ފޯ އެޑިއުކޭޝަން އެންޑް ރީސާޗް އޮން ޓޮކްސިކްސް އިން ކޮފީ އިންޑަސްޓްރީއާ ދެކޮޅަށް މީގެ އަށް އަހަރު ކުރިން ހުށަހެޅި މައްސަލައެއްގަ އެވެ.

މައްސަލަ ހުށަހެޅި ޖަމިއްޔާއިން އެދިފައިވަނީ ކޮފީ ބީންސް ރޯސްޓްކުރާއިރު އުފެދޭ، ކެންސަރަށް މަގު ފަހިކުރުވާ ކެމިކަލެއް ކަމަށްވާ އެކްރޮލަމައިޑް، ކޮފީގައި ނުހިމެނޭ ގޮތް ހަދަން ނުވަތަ ކޮފީން ކެންސަރަށް މަގު ފަހިކުރުވަފާނެ ކަމުގެ އިންޒާރުގެ މެސެޖެއް ހިމެނުމަށެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލާގައި ކޮފީ އިންޑަސްޓްރީން ވަކާލާތުކުރީ ކޮފީން ލިބޭ ފައިދާތަކާ އަޅާބަލާއިރު އެކްރޮލަމައިޑް އެކުލެވެނީ ނުރައްކަލެއް ނުވާނެ މިންވަރަކަށް ކަމަށް ބުނެ އެވެ.

ނަމަވެސް ހުކުމުގައި ބުނެފައި ވަނީ ކޮފީ އިންޑަސްޓްރީން ދެއްކި ވާހަކަ ސާބިތުކޮށްނުދެވޭ ކަމަށެވެ. މައްސަލަ ހުށަހެޅި ފަރާތުން، ކޮފީ އަކީ ބަނޑުގައި އޮންނަ ދަރިފުޅާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ގެއްލުން ވާނެ އެއްޗެއްކަން ކޯޓުގައި ސާބިތުކޮށްދިން ކަމަށާއި އެކަމަކު ދައުވާ ލިބޭ ފަރާތުން ގެނައި ސިއްހީ ތަޖުރިބާކާރުން، މި ކަންކަމާ ގުޅިގެން ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނެފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކޮފީގެ ވިޔަފާރީގައި މަޝްހޫރު ސްޓާބަކްސް ހިމެނޭ ގޮތުން 90 ކުންފުންޏަކުން ކޮފީގެ ދިފާއުގައި ވަކާލާތުކުރި އެވެ. ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް އަދި ފުރުސަތު އެބަ އޮތެވެ.

އޭޕީ އިން ބުނި ގޮތުގައި ކެލިފޯނިއާގެ ވަރަށް ގިނަ ކޮފީ ޝޮޕްތަކުގައި މިހާރުވެސް ކޮފީ ވިއްކަނީ އެކްރޮލަމައިޑް އަކީ ކެންސަރަށް މަގު ފަހިކުރުވާ އެއްޗެއް ކަމުގެ އިންޒާރުގެ މެސެޖަކާ އެކުގަ އެވެ.