31 މާޗް 2018 - 07:23

މީގެ 21 އަހަރު ކުރިން ވެސް ހިތުގެ އޮޕަރޭޝަނެއްކޮށްފައިވާ، ހޮލީވުޑްގެ އެކްޝަން ތަރި އާނޮލްޑް ޝްވެޒްނެގާ އަނެއްކާ ވެސް ހިތުގެ އޮޕަރޭޝަނެއްކޮށްފި އެވެ.
ޓީއެމްއެޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 70 އަހަރުގެ އެކްޓަރު ހިތުގެ ކުއްލި އޮޕަރޭޝަނެއް ހުކުރު ދުވަހު ކެލިފޯނިއާ ހޮސްޕިޓަލްގައި ކުރީ، ކުރީގެ އޮޕަރޭޝަނާ ގުޅިގެން ދިމާވި މައްސަލައަކާ ހެދި އެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފައިވެ އެވެ.
ނަވާރަސަތޭކަ ނުވަދިހަ ހަތެއްގައި ކުރި އާނޮލްޑްގެ ހިތުގެ ފުރަތަމަ އޮޕަރޭޝަނާ އެކު އޭނާ ބުނެފައި ވަނީ ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި ފުރަތަމަ އޮޕަރޭޝަނަށް ފަހު ވެސް، ދެވަނަ އޮޕަރޭޝަނަކަށް ދާން ޖެހޭކަން އެނގޭ ކަމަށާއި އޭނާ ހުރީ އަބަދު ވެސް އެކަމަށް ތައްޔާރުވެގެން ކަމަށް ބުންޏެވެ.
ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކޮށްފައިވާ ފަސް ކުދިންގެ ބައްޕަގެ އޮޕަރޭޝަނާ ބެހޭ ގޮތުން އާއިލާ އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.
"ޓާމިނޭޓާ" ސީރިޒްގެ ތަރި ކުރިން ދީފައިވާ އިންޓަވިއުއެއްގައި ވަނީ 1997 ގައި އޮޕަރޭޝަނެއް ކުރިކަން އާއިލާ އަށް ވެސް ސިއްރުކޮށްކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެ ފަހަރު އޭނާ ބުނެފައި ވަނީ މެކްސިކޯއަކަށް ޗުއްޓީއަކަށް ދިޔައީ ކަމަށެވެ.
މި ވާހަކަ އާނޮލްޑް ހިއްސާކުރީ 2012 ގައި ދިން ޓީވީ އިންޓަވިއުއެއްގަ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "އާފްޓަމެތު" އާއި "ކިލިން ގަންތާ" އަށް ފަހު، އާނޮލްޑް ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެނިގެން ދާނީ މި އަހަރު ރިލީޒް ކުރާ "ޖާނީ ޓު ޗައިނާ: ދަ މިސްޓްރީ އޮފް އަޔަން މާކްސް" އިންނެވެ.