ދެން އެހާ ދިގު ބްރޭކެއް ނުނަގާނަން: ރާނީ މުކަރްޖީ
ދެން އެހާ ދިގު ބްރޭކެއް ނުނަގާނަން: ރާނީ މުކަރްޖީ

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރިލީޒް ކުރި "ހިޗްކީ" އަށް ލިބެމުން އަންނަ ތަރުހީބާ ދޭތެރޭ ބަތަލާ ރާނީ މުކަރްޖީ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ދެހާސް ސާދައިގައި ރިލީޒް ކުރި "މަރްދާނީ" އަށް ފަހު، ރާނީ ކުޅުނު ފުރަތަމަ ފިލްމްގައި އޭނާ ދައްކުވައި ދީފައިވާ އެކްޓިން އަށް ވަރަށް ގިނަ ބަކު ވަނީ ތައުރީފު ކޮށްފަ އެވެ.

ހާއްސަކޮށް، ކްރިޓިކުން ވަނީ ރާނީގެ އެކްޓިންއަށާއި "ހިޗްކީ" އަށް ތައުރީފު އޮއްސާލައިފަ އެވެ. މި ފިލްމް ރާނީ އަށް އެހާ ބޮޑަށް ހާއްސަވި އެއް ސަބަބަކީ މިއީ ދަރިއަކު ލިބުނު ފަހުން އޭނާ ކުޅުނު ފުރަތަމަ ފިލްމަށްވުމެވެ. އުކުނޑިކޮށްޓުމުގެ މައްސަލަ ހުންނަ ސްކޫލް ޓީޗަރެއްގެ ރޯލް ރާނީ ކުޅެފައިވާ "ހިޗްކީ" އަށް މިހާތަނަށް ބޮކްސް އޮފީހުގައި ވަނީ 36 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

ރާނީ ބުނި ގޮތުގައި ކައިވެނިކޮށްގެން ދަރިން ލިބޭ ބަތަލާއިންނަށް ކުރިން ބޮލީވުޑުން މާ ރަނގަޅު ފުރުސަތުތަކެއް ވެސް ނުލިބި، އެފަދަ ބަތަލާއިން ސްކްރީނުން ގެއްލުނަސް އެ ޒަމާން މިހާރު ބަދަލުވެއްޖެ އެވެ. އަނެއްކޮޅުން ކައިވެނިކޮށް ވެސް ކާމިޔާބުކަމާ އެކު ފިލްމީ ކެރިއަރުގައި ސާބިތުވެ، ތިބޭ ބަތަލާ އަންނަނީ އިތުރު ވެސް ވަމުންނެވެ.

"ހިޗްކީ" ބެލުންތެރިން ބަލައިގަތްލެއް ބޮޑުކަމުން ރާނީ ބުނީ އަނެއްކާ ވެސް ދެން މާ ލަސްތަކެއް އާ ފިލްމެއްގެ މަސައްކަތް ފަށާނެ އެވެ.

"އަހަރެން ބޭނުމެއް ނޫން އަނެއްކާ ވެސް އެހާ ގިނަ ދުވަސްކޮށްފައި ނޫނީ ފިލްމެއް ކުޅޭކަށް. މިހާރު ބޭނުން ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބޭ ކަމަށް ވަންޏާ ހަމަ މަސައްކަތް ކުރަން،" 40 އަހަރުގެ ބަތަލާ ބުންޏެވެ. "އަހަންނަށް އެނގޭ އޯޑިއަސް އަހަރެން ސްކްރީނުން ދެކެން ބޭނުންވާކަން. އެހެންވެ ދެން މާ ގިނަ ދުވަހެއް ނުކޮށް އަނެއްކާ ވެސް ފިލްމެއްގެ މަސައްކަތް ފަށާނަން. އެބަހުރި ހިޗްކީ ރިލީޒް ވަންދެން އަހަރެންނަށް އޮފާ ކުރި ފިލްމްތަކުގެ ތެރެއިން އަދި ވަކި ގޮތެއް ނުނިންމައި ހުރި ފިލްމްތަކެއް. އެހެންވީމާ އާ ފިލްމެއް އިއުލާން ކުރަން މާ ގިނަ ދުވަހެއް ވެސް ނުނަގާނެ."

އެކަމަކު ރާނީ ދެން ފެންނާނީ ކޮން ކަހަލަ ފިލްމަކުން ކަމެއް އަދި ބުނާކޮށް ނޭނގެ އެވެ. އަނެއްކޮޅުން ދެން ވެސް އޭނާ ކުޅޭނީ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމް ކުންފުނި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެއްތޯ އެ ވެސް ގިނަ ބަޔަކު ބަލަން ބޭނުން ވާނެ ކަމެކެވެ.

"ކުޗް ކުޗް ހޯތާ ހޭ" އާއި "ސާތިޔާ" އަދި "ޗަލްތޭ ޗަލްތޭ" ފަދަ ކާމިޔާބު ލޯބީގެ ފިލްމްތައް ކުޅެފައިވާ ބަތަލާ ބުނި ގޮތުގައި ލޯބީގެ ފިލްމެއްގައި އަނެއްކާ ވެސް މަސައްކަތްކޮށްލަން ބޭނުންވެ އެވެ.

އެހެންވެ ފަހަރުގައި ދެން ރާނީ ފެނިގެން ދާނީ ލޯބީގެ ފިލްމަކުން ކަމަށް ވެސް ވެދާނެ އެވެ.