މިއަންމާގައި ބަންދުކުރި ނޫސްވެރިންގެ ދިފާއުގައި އަމާލް ކްލޫނީ
މިއަންމާގައި ބަންދުކުރި ނޫސްވެރިންގެ ދިފާއުގައި އަމާލް ކްލޫނީ

ލަންޑަން (މާޗް 30) - މިއަންމާގައި ބަންދުކޮށްފައި ތިބި ރޮއިޓާސްގެ ދެ ނޫސްވެރިންގެ ގާނޫނީ ޓީމުގައި ބައިވެރިވާން މަޝްހޫރު ގާނޫނީ ވަކީލް އަމާލް ކްލޫނީ ނިންމަވައިފި އެވެ.

މިއަންމާގައި ބަންދުކުރި ނޫސްވެރިންގެ ދިފާއުގައި އަމާލް ކްލޫނީ
މިއަންމާގައި ބަންދުކުރި ނޫސްވެރިންގެ ދިފާއުގައި އަމާލް ކްލޫނީ

އަމާލް ވިދާޅުވީ މިއަންމާގައި ބަންދުކޮށްފައި ތިބި ލަ ލޯން އާއި ކިޔައޯ ސޮއެ ސޫ އަކީ ކުށެއް ނެތް ބައެއްކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ކުރެވޭ ކަމަށެވެ. އަދި އެ ދެ މީހުން ވަގުތުން ދޫކޮށްލުމަށް އަމާލް ގޮވާލެއްވި އެވެ.

ދެ ނޫސްވެރިން ބަންދުކުރީ މިއަންމާގައި އޮތް އިސްތިއުމާރީ ދުވަސްވަރުގެ ގާނޫނެއްގެ ދަށުންނެވެ. އެ މީހުންގެ ކުށަކީ ރޮހިންޖާ މައްސަލަ ރިޕޯޓް ކުރުމެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 14 އަހަރަށް ޖަލަށްލާނެ އެވެ.

"މި މައްސަލައިގައިވާ ގޮތަކުން އެނގޭނެ މިއަންމާ އިން ގާނޫނު ތަންފީޒު ކުރުމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަމާލުކަން ދޭ މިންވަރު،" އަމާލް ކްލޫނީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ. "ވަ ލޯން އާއި ކިޔައޯ ސޮއެ ސޫގެ މައްޗަށް ދައުވާ ކުރަނީ އެ މީހުން ހަމައެކަނި ޚަބަރެއް ލިޔުމުން."

ރޮއިޓާސް އިން ބުނީ ދެ ނޫސްވެރިން ހައްޔަރުކޮށްފައި ވަނީ ރޮހިންޖާގެ އަވަށެއްގައި މިއަންމާ ސިފައިން ހިންގި އަނިޔާވެރި އަމަލުތަކުގެ މައްޗަށް ތަހުގީގީ ރިޕޯޓެއް ތައްޔާރު ކުރަން އުޅުމުން ކަމަށެވެ.

ރޮއިޓާސްގެ ވަކީލް ގައިލް ގޯވް ވިދާޅުވީ އެ މީހުންގެ ބައިނަލްއަގުވާމީ ގާނޫނީ ޓީމުގައި އަމާލް ކްލޫނީ ބައިވެރިވެވަޑައިގަތުމަކީ ޓީމު އިތުރަށް ވަރުގަަދަ ވެގެން ދާނެ ކަމެއް ކަމަށެވެ.

ހޮލީވުޑުގެ މަޝްހޫރު ބަތަލް ޖޯޖް ކްލޫނީގެ އަނބިކަނބަލުން އަމާލް ކްލޫނީ ގެންދަވަނީ އިންސާނީ ހައްގުތަކުގެ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރަމުންނެވެ. އަމާލް ވަނީ މިސްރުގައި ބަންދުކުރި އަލް ޖަޒީރާގެ ދެ ނޫސްވެރިން 2015 ވަނަ އަހަރު މިނިވަން ކުރަން ކުރި މަސައްކަތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.