ދެ ކިޑްނީ ފެއިލްވެފައިވާ ކުއްޖަކަށް އެހީ ހޯދަނީ
ދެ ކިޑްނީ ފެއިލްވެފައިވާ ކުއްޖަކަށް އެހީ ހޯދަނީ

ދެ ކިޑްނީ ފެއިލް ވެފައިވާ އުމުރުން 11 އަހަރު ކުއްޖެއްގެ ފަރުވާ އަށް ފައިސާ ހޯދުމުގެ ހަރަކާތްތަކެއް މިއަދު މާލޭގައި ހިންގުމަށް ނިންމައިފި އެވެ.

ދެ ކިޑްނީ ފެއިލްވެގެން އެހީ ބޭނުންވެފައިވާ ކުއްޖަކީ ހއ. އިހަވަންދޫ، ނީނާޒް، މުހައްމަދު މާއިން މޫސާ އެވެ.

މާއިންގެ މަންމަ، އައިޝަތު އަޒްހާރާ ބުނިގޮތުގައި މާއިންގެ ދެ ކިޑްނީ ފެއިލްވިކަން އެނގުނީ އޭނާ ނުކާތީ މިދިޔަ މަހު ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.

އިހަވަންދޫ ސިއްހީ މަރުކަޒަށް ދެއްކުމުން މާއިންގެ ހަށިގަނޑުގައި ލޭ މަދުވުމުން އިތުރު ފަރުވާ އަށް ހދ. ކުޅުދުއްފުއްޓަށް ފޮނުވި އެވެ. މާއިންގެ ކިޑްނީގައި މައްސަލަ ހުރިކަން ޑޮކްޓަރުންނަށް ފާހަގަވިތާ މާ ގިނަ އިރެއްނުވެ ފިޓް ޖެހެން ފެށީ އެވެ. އެއަށްފަހު މާލެ ގެނެސް ޑައިލަސިސް ހަދަން އުޅެ އެކަންނުވި ކަމަށް އާއިލާއިން ބުނެ އެވެ.

"ޑައިލަސިސް ހަދަން އުޅެނިކޮށް ހޮޅި ބްލޮކް ވަނީ. އެހެންވެ ޑައިލަސިސް ނުހެދޭ. އެ ހިސާބުން އިންޑިއާ އަށް ދިޔައީ،" ތިން ކުދިންގެ މަންމަ، އޭނާގެ ދޮށީ ދަރިފުޅުގެ ހާލު ކިޔައިދެމުން ބުންޏެވެ.

މާއިން އަށް މިހާރު ފަރުވާދެމުން އަންނަނީ އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލުގަ އެވެ. ބައްޕައާ އެކު މާއިން އިންޑިއާއިން ފަރުވާ ހޯދަމުން އަންނަ އިރު އާސަންދައިގެ އެހީ ވެސް ލިބެ އެވެ.

މާއިންނަށް ފަރުވާދެނީ ކަރަށް ހޮޅިއެއް ގުޅައި ޑައިލަސިސް ހަދައިގެންނެވެ. މާއިންގެ މަންމަ ބުނީ އެ ހޮޅީގައި އިންފެކްޝަން އުފެދިފައިވާތީ ވީހާ ވެސް އަވަހަށް ކިޑްނީ ބަދަލު ކުރުމަށް ޑޮކްޓަރުން ލަފާދޭ ކަމަށެވެ.

އެ އާއިލާގައި މާއިންއާ ކިޑްނީ ދިމާވާ ހުރީ "އޯ ޕޮސިޓިވް" ލޭ ހުންނަ އޭނާގެ މަންމަ އަޒްހާރާ އެކަންޏެވެ. މީގެ މަހެއްހާ ދުވަސް ކުރިން ސިޒޭރިއަން ހަދާފައިވާތީ އޭނާގެ ކިޑްނީ ދެވެން ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އަޒްހާރާ ބުންޏެވެ. އޭނާ ބުނީ ކިޑްނީއެއް ހޯދުމަށް އާއިލާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާއިންގެ މަންމަ ބުނީ ފަރުވާ އަށް އާސަންދައިގެ އެހީ ލިބުނު ނަމަވެސް، އިންޑިއާގައި ހުރުމާއި ކެއުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެ އާއިލާއިން ދީލަތި އެހީތެރި ކަމަކަށް އެދޭ ކަމަށެވެ. މާއިންގެ ބައްޕަ އަކީ މަސްވެރިއަކަށް ވާތީ، އިންޑިއާގައި ހުންނަން ޖެހުމުން ފައިސާ ލިބޭނެ ގޮތެއް ނެތް ކަމަށް މާއިންގެ މަންމަ ބުންޏެވެ.

މާއިންގެ ފަރުވާ އަށް އެހީ ހޯދުމަށް މިއަދު އިއްރުއޮއްސެންދެން މާލޭގެ ހަ ސަރަހައްދެއްގައި ފަންޑުފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އެއީ ކާނިވާ ސަރަހައްދާއި ނޯތު ހާބަރު ސަރަހައްދާއި ރަސްރަނި ބަގީޗާގެ އިތުރުން ރަސްފަންނާއި ރާޅުގަނޑު ސަރަހައްދު އަދި ކުޑަކުދިންގެ ބަގީޗާ އެވެ.