ބަނޑުބޮޑުވުމަކީ ގައުމީ މައްސަލައެއް ނޫން: ކަރީނާ
ބަނޑުބޮޑުވުމަކީ ގައުމީ މައްސަލައެއް ނޫން: ކަރީނާ

ކަރީނާ ކަޕޫރު ބަނޑުބޮޑުކަން ފިރިމީހާ ސައިފް އަލީ ޚާން އިއުލާން ކުރީއްސުރެ ގިނަ ބަޔަކު ކެތްމަދުވެފައި ތިބީ އޭނާގެ "ބޭބީ ބަމްޕް" ބަލައިލާ ހިތުންނެވެ. ނަމަވެސް ކަރީނާ މިފަހަކަށް އައިސް އާއްމުންގެ ތެރެއިން ނުފެންނާތީ މިކަން އޮތީ ނުވެފަ އެވެ.

ނަމަވެސް އިއްޔެ ކަރީނާ މުމްބައިގެ ބާންދްރާގައި ހުންނަ ހެއާ ސެލޫނަކުން ނިކުންނަނިކޮށް ގިނަ ބަޔަކަށް ވަނީ ފެނިފަ އެވެ. އަދި މިފަހަރު ކަރީނާ އޭނާގެ ބަނޑު ފޮރުވާކަށް ވެސް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ގިނަ މީހުން ބުނަނީ ބަލިވެ އިނުމުން ކަރީނާ އަދި ކުރިޔަށް ވުރެ ވެސް މާ ލޯބި ކަމަށެވެ. މީގެ ކުރިން ކަރީނާ ބަނޑު ފޮރުވަން އާއްމުންގެ ތެރެއަށް ނުކުމެފައިވަނީ ދޫދޫކޮށް ހުންނަ ހެދުން އަޅައިގެން ނަމަވެސް އިއްޔެ އޭނާ ހުރީ އާދައިގެ ޓީޝާޓަކާއި ޑެނިމް ހަރުވާޅެއް ލައިގެންނެވެ. އަދި އޭނާގެ ބަނޑު ވަރަށް ރީއްޗަށް ފާޅުވާން ހުއްޓެވެ.

ކަރީނާ އަލަށް ކުޅެން ފަށާ ސޯނަމް ކަޕޫރުގެ "ވީރް ދީ ވެޑިން"ގައި ވެސް އޭނާ ކުޅެނީ މާބަނޑު އަންހެނެއްގެ ރޯލަށް ވާތީ އެ ފިލްމުން ވެސް ކަރީނާގެ ބަނޑު ފެންނާނެ އެވެ.

ކަރީނާ ބަލިވެއިންކަން އިއުލާން ކުރުމުން ވެސް އޭނާއާ ބެހޭ ގޮތުން ތަފާތު އަޑުތައް ފަތުރާތީ މިދުވަސްކޮޅު އޭނާ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ދާދި ފަހުން ކަރީނާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ކުއްޖެއް ވިހަން ތައްޔާރު ވަނީ ކަމަށާއި އެއީ ގައުމީ ބޮޑު މައްސަލައަކަށް ނުހެދުމަށެވެ.