50 އަށްވުރެ ގިނަ ސްޓޯލާ އެކު މަތީ ތައުލީމްގެ އެކްސްޕޯ ފަށައިފި
50 އަށްވުރެ ގިނަ ސްޓޯލާ އެކު މަތީ ތައުލީމްގެ އެކްސްޕޯ ފަށައިފި

މަތީ ތައުލީމަށް ހުރި ފުރުސަތުތަކާއި ވަގުތުން ކޯސްތަކަށް ކުރިމަތިލެވޭ ގޮތަށް މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.

50 އަށްވުރެ ގިނަ ސްޓޯލާ އެކު މަތީ ތައުލީމްގެ އެކްސްޕޯ ފަށައިފި
50 އަށްވުރެ ގިނަ ސްޓޯލާ އެކު މަތީ ތައުލީމްގެ އެކްސްޕޯ ފަށައިފި

އަސަރީ ސާވިސަސް ކުންފުންޏާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) ގުޅިގެން ބާއްވާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ސަރުކާރުން ކޮންމެ އަހަރަކު ވެސް މަތީ ތައުލީމަށް 1000 ފުރުސަތު ހުޅުވާލާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 50 އަށް ވުރެ ގިނަ ސްޓޯލާއެކު މިއަދު ފެށި އެކްސްޕޯ އިން ވެސް ދިވެހި ދަރިވަރުންނަށް ގިނަ ފައިދާތަކެއް ކުރާނެ އެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ވެސް، އެ ދަރިވަރެއްގެ ގާބިލްކަން ހުރި މިންވަރުން ގައުމުގެ ތަރައްގީގައި ބައިވެރިވުން ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެ އެކްސްޕޯގެ އިވެންޓް މެނޭޖަރު އައިމިނަތު އަސްމާ ވިދާޅުވީ ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ސްރީ ލަންކާ، އިންޑިޔާ، މެލޭޝިޔާ އަދި ޔޫކޭގެ ޔުނިވާސިޓީ ތަކުން ބައިވެރިވެފައިވާ ކަމަށެވެ. އެ ތަންތަނުން، ތަފާތު އެކި ދާއިރާތަކުން 500 އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލެވޭނެ އެވެ.

ފެޝަން ޑިޒައިނިން އާއި އޭވިއޭޝަން ދާއިރާއަށް އަމާޒުކޮށްގެން ސެމިނާތަކެއް ވެސް ހިންގަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން މެޑިކަލް، އާކިޓެކްޗާ، ބިޒްނަސް، އެކައުންޓިން އަދި އެނޫން ދާއިރާތަކން ވެސް ޑިޕްލޮމާ އިން ފެށިގެން މާސްޓާސް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

އެކްސްޕޯ ހުޅުވާފައި ހުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން ރޭގަނޑު 10:00 އާ ހަމައަށެެވެ.