29 މާޗް 2018 - 17:14

ކޮލަމްބޯ (މާޗް 29) - ސްރީ ލަންކާގެ ޕްރިޒަންސް ކޮމިޝަނާ ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ނޮވެމްބަރު 2012 ގައި ވެލިކަޑަ ޖަލުގައި ހިންގި ހަމަނުޖެހުމުގައި މީހުން މެރި ހާދިސާއާ ގުޅިގެންނެވެ. ޖަލުގެ ހަމަނުޖެހުންތަކުގައި ވަނީ 27 ގައިދީއަކު މަރުވެފަ އެވެ.
ޖަލުގައި ހަމަނުޖެހުން ހިންގި އިރު ސުޕްރިންޓެންޑެންޓަކަށް ހުރި މިހާރުގެ ކޮމިޝަނާ އެމިލް ލަމަހެވަގެ އިތުރުން އިއްޔެ ވަނީ ފުލުހުންގެ އިންސްޕެކްޓަރެއް ވެސް ހައްޔަރުކޮށްފަ އެވެ. އޭނާ ވެސް ހައްޔަރު ކުރީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޖަލުން ގައިދީން މެރި މައްސަލައިގަ އެވެ.
ޖަލުގެ ހަމަނުޖެހުމާ ގުޅިގެން މީހުން ހައްޔަރުކުރަން ފަށާފައި މި ވަނީ އެ މައްސަލަ މިދިޔަ ޖުލައި މަހު އަލުން ބަލަން ފެށުމާ ގުޅިގެންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހަމަނުޖެހުމުގައި ޖަލުން މީހުން މަރާފައި ވަނީ ކުރީގެ ސަރުކާރުގެ އިސް މީހުންގެ އަމުރަށެވެ.
ޖަލުގައި ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ޖަލު ފާސްކުރަން ފެށުމުންނެވެ. ޖަލުގެ ހަމަނުޖެހުންތައް މައިތިރި ކުރަން ވަނީ ސިފައިން ގެންނަން ޖެހިފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ސިފައިން ވަނީ ބައެއް މީހުންގެ ނަމުން ގޮވުމަށް ފަހު ބަޑި ޖަހާ މަރައިފަ އެވެ.
އެ ހާދިސާ އަށް ފަހު ރާޖަޕަކްސާގެ ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔަން ފަށައިފަ އެވެ.