ފިސްތޯލަ މައްސަލައިގައި ސަވީޑީސަށް ބޮޑު އަދަބެއް
ފިސްތޯލަ މައްސަލައިގައި ސަވީޑީސަށް ބޮޑު އަދަބެއް

އެތަންސް، ގްރީސް (މާޗް 30) - ގްރީސް ސުޕަ ލީގުގައި އޭއީކޭ އެތަންސް އާއި ޕީއޭއޯކޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޕީއޭއޯކޭގެ ވެރިޔާ އިވާން ސަވީޑީސް ދަނޑުމައްޗަށް ފިސްތޯލައެއް ހިފައިގެން އެރި މައްސަަލައިގައި އޭނާ ތިން އަހަރަށް ސަސްޕެންޑްކުރަން ނިންމައިފި އެވެ.

މީގެ އިތުރުން ޕީއޭއޯކޭ ޖޫރިމަނާކޮށް އެ ޓީމުގެ އަތުން ޕޮއިންޓް އުނިކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެއާ އެކު ގްރީސް ސުޕަ ލީގުގެ ތިން ވަނަ އަށް ޕީއޭއޯކޭ ވަނީ ވެއްޓިފަ އެވެ.

ސަވީޑީސް ފިސްތޯލެއް ހިފައިގެން ދަނޑު މައްޗަށް އެރީ ޕީއޭއޯކޭ ޖެހި ގޯލެއް މެޗުގެ ރެފްރީ އޮފްސައިޑް ކަމަށް ނިންމުމުންނެވެ. މި މައްސަލައިގައި ގްރީސްގެ އެފްއޭ އާއި އެ ގައުމުގެ ކުޅިވަރާ ބެހޭ މިނިސްްޓްރީން ބޭއްވި ބައްދަލުވުންތަކަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ވަނީ އެ ގައުމުގެ ސުޕަ ލީގު ސަސްޕެންޑް ކުރުމަށް ނިންމައިފަ އެވެ.

ގްރީސް ފުޓްބޯޅައިގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފީފާގެ ހާއްސަ ޓީމެއް ވެސް އެ ގައުމަށް ދިޔަ އެވެ. މަޝްވަރާތަކަށް ފަހު ފީފާގެ ޓީމުން ވަނީ ސަވީޑީސް އަށް އަދަބުދިނުމަށް އަންގައިފަ އެވެ. ގްރީސް ސަރުކާރާއި އެ ގައުމުގެ ކުޅިވަރާ ބެހޭ މިނިސްޓްރީ އަދި ފީފާއިން ބޭއްވި ބައްދަލުވުންތަކަށް ފަހު މާދަމާ ގްރީސް ލީގު އަލުން ފެށުމަށް ވަނީ ނިންމައިފަ އެވެ.

ލީގު އަލުން ފަށާއިރު ކްލަބްތަކަށް ގްރީސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ހަރުކަށި އިންޒާރެއް ދީފަ އެވެ. އެގޮތުން މީގެ ފަހުން ކްލަބްތަކުން ހަމަނުޖެހުން ހިންގާނަމަ އެ ޓީމުތަކުގެ އަތުން ޕޮއިންޓު އުނިކޮށް އަދި ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ރެލިގޭޓްކޮށްލާނެ ކަމަށް ކްލަބްތަކަށް ވަނީ އަންގައިފަ އެވެ.

ފީފާގެ ޓީމާ އެކު ގްރީސް ސަރުކާރުން އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައިވާއިރު، އެ ގައުމަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ކުޑަކަމަށް ގްރީސްގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.