ސައުދީގެ ފޯވާޑެއް ޔުނައިޓެޑާ އެކު ޓްރެއިނިން އަށް
ސައުދީގެ ފޯވާޑެއް ޔުނައިޓެޑާ އެކު ޓްރެއިނިން އަށް

މެންޗެސްޓާ (މާޗް 30) - ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސައުދީ އަރަބިއާގެ ތަޖުރިބާކާރު ފޯވާޑް މުހައްމަދު އަލް-ސަލާވީ އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑާ އެކު ތަމްރީންތަކުގައި ބައިވެރިވާ ގޮތަށް ހަމަޖައްސައިފި އެވެ.

އުމުރުން 31 އަހަރުގެ އަލް-ސަލާވީ އަކީ ވޯލްޑް ކަޕްގައި ސައުދީގެ އެޓޭކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިޔާ އެވެ. ސައުދީގެ ކްލަބް އަލް ނަސްރަށް ކުޅެމުން އަންނަ އަލް-ސަލާވީ ޔުނައިޓެޑާ އެކު ފަރިތަކުރުމުގެ ފުރުސަތު ހޯދައިދިނީ ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީ (ޖީއެސްއޭ)ންނެވެ. މިއީ 2030 ގައި ކާމިޔާބު ހޯދޭނެ ޓީމެއް އެކުލަވާލުމަށް ސައުދީން އެކުލަވާލާ ޕްލޭނުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ތެރެއިން ބައެކެވެ.

ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އަލް-ސަލާވީ ތިން ހަފްތާ ވަންދެން ޔުނައިޓެޑް ކުޅުންތެރިންނާ އެކު ފަރިތަކުރާނެ އެވެ.

ސައުދީގެ ކޯޗު ހުއާން އެންޓޯނިއޯ ޕިއްޒީ ވަނީ މިއީ ވޯލްޑް ކަޕްގައި ނަން މަޝްހޫރު ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭއިރު ސައުދީ އަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ޔުނައިޓެޑުން އަލް-ސަލާވީ އަށް ލިބޭ ތަމްރީންތަކުގެ ބޭނުން އޭނާ ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 33 މެޗުން އަލް-ސަލާވީ ވަނީ 26 ގޯލު ޖަހައިފަ އެވެ. ދާދި ފަހުން ސައުދީ އިން ބެލްޖިއަމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ވަނީ 4-0 އިން ބަލިވެފަ އެވެ. މި މެޗުގައި އަލް-ސަލާވީ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ޖީއެސްްއޭގެ ޗެއާމަން ތުރުކީ އަލް-ޝެއިހް ވަނީ މި ފުރުސަތުގެ ބޭނުން އަލް-ސަލާވީ ހިފައިފިނަމަ މުސްތަގުބަލުގައި އިތުރު ކުޅުންތެރިން މި ފަދަ ތަމްރީންތަކަށް ފޮނުވާނެ ކަމަށެވެ.

ވޯލްޑް ކަޕްގައި ސައުދީ އޮތީ ރަޝިއާ އާއި މިސްރު އަދި އުރުގުއޭއާ އެއް ގްރޫޕެއްގަ އެވެ.