29 މާޗް 2018 - 15:30

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ މުވައްޒަފުންނަށް ހަދާ ފްލެޓްތަކުގެ އަމަލީ މަސައްކަތް ރޭ ފަށައިފި އެވެ.
އެ ކުންފުނީގެ ކޯޕަރޭޓް ޑިވިޝަންގެ ހެޑް އަބްދުﷲ ފާއިދު ވިދާޅުވީ "ހިޔާ" ޕްރޮޖެކްޓްގެ ދަށުން އެ ކުންފުނިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ އެޕާޓްމަންޓްތަކުގެ ތެރެއިން ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ އެޕާޓްމަންޓަށް މަހަކު ދައްކަން ޖެހޭ މިންވަރު 12،000ރ. އަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. އަދި އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަން ޖެހޭ މިންވަރު 6،000ރ. އަށް ވުރެ ބޮޑުނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާއިދު ވިދާޅުވީ އެ ކުންފުނިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 534 އެޕާޓްމަންޓް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހަދާ އެޕާޓްމަންޓްތަކުގެ މަސައްކަތް އަންނަ ޖުލައި މަހު ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފުރަތަމަ ފިޔަވަހީގައި ހެދުމަށް ނިންމާފައި ވަނީ 204 އެޕާޓްމަންޓެެވެ.
"އަޅުގަނޑުމެން މިދަނީ ޝެޑިއުލާ އެއްގޮތަށް މަސައްކަތްކުރަމުން. އަދި އަޅުގަނޑުމެން އެ ފްލެޓްތަކަށް ކުރިމަތިލާން ބޭނުންވާ މުވައްޒަފުންނަށް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވާލާނެ،" ފާއިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ހަދާ ފްލެޓްތަކަށް އެމްޕީއެލްގެ ހުރިހާ ދާއިމީ މުވައްޒަފުންނަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދަފުތަރު އަންނަ މަހުގެ 15ގައި ކަނޑައެޅޭ ވަރުވާނެ ކަމަށް ވެސް ފާއިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މުވައްޒަފުންނަށް ދޭނަން ބޭންކު މެދުވެރިކޮށް ފައިނޭންސް ހަމަޖައްސަން މުއްދަތެއް. އެ މުއްދަތުގެ ތެރޭގައި ހަމަނުޖެހޭ ނަމަ އެ ބަޔަކު ކަޓާނެ. ދެން އަނެއްކާ އިތުރު މުވައްޒަފުންނަށް އެ ފުރުސަތު ދޭނީ،" އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ދަށުން އެ ކުންފުނިން ހަދަން ނިންމާފައި ވަނީ 14 ބުރީގެ ތިން ޓަވަރެވެ. އެ ތިން ޓަވަރުގެ މަސައްކަތް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ. އެގޮތުން ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހިމެނޭ 330 އެޕާޓްމަންޓާއި އެއްކޮޓަރީގެ 204 އެޕާޓްމަންޓް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއަށް 560 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.