29 މާޗް 2018 - 14:58

އިދިކޮޅު ސިޔާސީ ލީޑަރުން، މިނިވަންކުރުމަށް ދައުލަތުގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް، ބާއްވާ ރިޔާސީ އިންތިހާބެއް މިނިވަން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމުރު ތަންފީޒުނުކޮށް ރިޔާސީ އިންތިހާބު "ބާއްވާކަށް ލާހިކެއް" ނޫން ކަމަށެވެ. ސަރުކާރު ޖެހޭނީ ގާނޫނީ އިމުގެ ތެރެ އަށް ވަންނަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުހައްމާ "މިހާރު" އަށް ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާ ނަމަ އަމުރު ތަންފީޒުކޮށް، މުއައްސަސާތައް މިނިވަންކަމާ އެކު ހިންގަން ޖާގަ ދޭން ޖެހޭ ކަމަށެވެ. ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު، އިދިކޮޅު އެންމެން ޖަލަށް ލައި، ރައްޔިތުންގެ މަޖިލީސް ހުއްޓުވާލައި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި، ބާރުކަނޑުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރު ގާނޫނީ އިމުން ބޭރުވެ، އަމާޒު ހިފާފައި ވަނީ މިލިޓަރީ ވެރިކަމަކާ ދިމާލަށެވެ.
"މި ހާލަތުގައި، އަޅުގަނޑުގެ ބުއްދިއަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ، މި ގައުމުގައި މިނިވަން އިންތިހާބެއް ބާއްވާނެ ހަމަ އެއްގޮތެއް ވެސް،" މުހައްމާ ވިދާޅުވި އެވެ.
މުހައްމާ ވިދާޅުވީ އެއް ބާރުން އަނެއް ބާރުގެ މައްޗަށް އަރައިނުގަނެވޭ ގޮތަށް ގާނޫނުއަސާސީ އޮތަސް ހުރިހާ ބާރެއް އޮތީ ސަރުކާރުގައި ކަމަށެވެ. މިއީ، ގައުމެއް ހިނގަން ޖެހޭނެ ގޮތެއް ނޫން ކަމަށާއި، މި ހާލަތަކީ އާއްމުންނަށް ބަލައިނުގަނެވޭ ހާލަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ނިންމާފައިވާ ނިންމުން ބަދަލުކުރަން، ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލާ ގޮވާލުންތަކަށް ވެސް ސަރުކާރުން އިޖާބަ ދޭނެ އެވެ.
މުހައްމާ ވިދާޅުވީ ރިޔާސީ އިންތިހާބަކަށް ދާން ޖެހޭނީ ގައުުމުގެ ހާލަތު ރަނގަޅުކޮށްފައި ކަމަށެވެ. ރިޔާސީ އިންތިހާބު އޮންނަ އަހަރުތަކުގެ މި ދުވަސްވަރު، ފޯރީގައި ކެމްޕޭން ދިޔަ ނަމަވެސް މި އަހަރު ފެންނަނީ އެ މަންޒަރު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކުރީ ސަރުކާރުން ބުނެފައިވާ ގޮތުގައި، އެ ހުކުމުން ދައުލަތުގެ ހިންގުން ހުއްޓި ގާނޫނުއަސާސީގެ ބާރު ކެނޑިދާނެތީ އެވެ. އަދި އެއީ އިދިކޮޅު ފަރާތްތަކުން ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅައިގެން ނެރުނު އަމުރެއް ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.