ދެ ކޮރެއާގެ ވެރިންގެ ސަމިޓް އެޕްރީލް 27 ގައި
ދެ ކޮރެއާގެ ވެރިންގެ ސަމިޓް އެޕްރީލް 27 ގައި

ސޯލް (މާޗް 29) - ނޯތު ކޮރެއާ އާއި ސައުތު ކޮރެއާގެ ލީޑަރުންގެ ސަމިޓް އަންނަ މަހު 27 ގައި ބާއްވަން ނިންމައިފި އެވެ.

ދެ ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިންގެ ބައްދަލުވުން އޮންނާނީ ދެ ކޮރެއާ ގުޅޭ ބޯޑަރުގައި އޮންނަ އަވަށެއް ކަމަށްވާ ޕަންމުންޖޮންގައި ކަމަށެވެ. ސަމިޓުގެ ތާރީޚް އިއުލާންކޮށްފައި ވަނީ ދެ ކޮރެއާގެ އޮފިޝަލުން ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

ދެ ކޮރެއާގެ ލީޑަރުންގެ ސަމިޓުގެ ތާރީޚް އިއުލާންކޮށްފައި ވަނީ ޗައިނާގެ ރައީސް ޝީޖިންޕިންއާ ކިމް ބައްދަލު ކުރައްވާފައި ވަނިކޮށެވެ. ބެއިޖިންގައި ބޭއްވި ބައްދަލުވުމުގައި ކިމް ވަނީ ކޮރެއާ ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދިދާނެކަމުގެ އުއްމީދު ފާޅު ކުރައްވައިފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ކިމް އާއި ޝީގެ ބައްދަލުވުމަށް ތައުރީފް ކުރައްވައިފަ އެވެ. ކިމް އާއި ޓްރަމްޕުގެ ބައްދަލުވުމެއް މެއި މަހު ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.