ޖެޓްސްކީ އަކުން ޖެހި ޓޫރިސްޓަކަށް އަނިޔާވުމުން 140،000ރ. ގެ ބަދަލެއް ދޭން ހުކުމްކޮށްފި
ޖެޓްސްކީ އަކުން ޖެހި ޓޫރިސްޓަކަށް އަނިޔާވުމުން 140،000ރ. ގެ ބަދަލެއް ދޭން ހުކުމްކޮށްފި

ރާއްޖެ އައިސް އުޅުނު ޓޫރިސްޓެއްގެ ގައިގައި ޖެޓް ސްކީ އަކުން ޖެހި އަނިޔާވި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 140،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާ އަށް ދައްކަން ދިވެއްސެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖުމެއިރާ ވިޓަވެލި ރިސޯޓްގައި 2014 ގައި ޗުއްޓީ ހޭދަ ކުރަމުން ގެންދިޔަ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ލިންޑާ ލީގެ ގައިގައި ޖެޓް ސްކީއަކުން ޖެހި އޭނާ އަށް އަނިޔާވި މައްސަލާގައި ބަދަލު ދޭން ކޯޓުން ހުކުމް ކުރީ ޖެޓް ސްކީ ދުއްވި މީހާ އަށް އިރުޝާދު ދޭން ހުރި ކަމަށް ބުނާ މީހާގެ މައްޗަށެވެ. އެކްސިޑެންޓްވި ވަގުތު، ޖެޓް ސްކީ ދުއްވަން އިނީ ބިދޭސީއެކެވެ. ބިދޭސީ މީހާގެ ފަހަތުގައި އިނދެގެން އިރުޝާދު ދެމުން ދިޔައީ ދިވެއްސެކެވެ.

ލިންޑާގެ ފަރާތުން އެ މައްސަލާގައި ދައުވާ ކުރީ އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލުގެ މަތިން ދިޔައިގެ ގޮތުގައި 25 ޖަމަލު ހޯދުމަށާއި ލިބުނު ގެއްލުމާ ގުޅިގެން ކުރަން ޖެހުނު ޚަރަދު ހޯދުމަށެވެ.

ކޯޓުން ނިންމީ 25 ޖަމަލު ދޭން އަމުރު ނުކުރެވޭނެ ކަމަށާއި އެކަމަކު ލިންޑާ އަށް ލިބުނު އަނިޔާތަކުގެ ސަބަބުން އޭނާ ކުރަން ޖެހުނު ޚަރަދުތަކަށާއި ލިބުނު ގެއްލުމަށް 12،500 ސިންގަޕޫރު ޑޮލަރު (146،000 ރުފިޔާ) އާއި 1،681ރ. އެ ދިވެހި މީހާގެ ފަރާތުން ލިންޑާ އަށް ދައްކަން ޖެހޭނެ ކަމަށެވެ.

ހުކުމުގައި ވަނީ އެ އެކްސިޑެންޓަކީ ޖެޓް ސްކީގެ ފަހަތުގައި އިން ދިވެހި މީހާ ބަލަންވާ މިންވަރަށް ނުބަލައި، ފަރުވާ ކުޑަކުރުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ، އެކަމުން ލިބުނު ގެއްލުމުގެ ބަދަލު އޭނާ ދައްކަން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.

އެގޮތުން އަނިޔާތަކަށް ފަރުވާ ކުރުމަށް ލިންޑާ ޚަރަދުކުރި 3،300 ސިންގަޕޫރު ޑޮލަރާއި 1،600 ދިވެހި ރުފިޔާގެ އާއި އަނިޔާތަކުގެ ސަބަބުން އޭނާ އެއް މަސް ވަންދެން ވަޒީފާއަށް ނުނިކުމެ ހުންނަން ޖެހުމުން، އޭނާގެ އެއް މަހުުގެ މުސާރަ އަށް ވާ 5،100 ސިންގަޕޫރު ޑޮލަރާއި ޗުއްޓީ ކުރުކޮށް ފުރަން ޖެހުމުން ޚަރަދު ކުރަން ޖެހުނު 4،000 ސިންގަޕޫރު ޑޮލަރަކީ ވެސް ލިންޑާއަށް ލިބެންޖެހޭ ފައިސާ ކަމަށް ކޯޓުގެ ހުކުމުގައި ވެ އެވެ.

ހުކުމުގައި އަންގާފައި ވަނީ އެ ފައިސާ ދެ މަސް ތެރޭގައި ދައްކައި ނިންމުމަށެވެ.