31 މާޗް 2018 - 09:34

މިހާރު އެންސީއޭގެ ދަށުން ހިންގަމުން އަންނަ އޮލިމްޕަސް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އާ ހަވާލުކުރުމުގެ މަޝްވަރާ ކުރަމުން އަންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމްގެ ދަށަށް އޮލިމްޕަސް ގެންދެވޭތޯ ދައުލަތުގެ މީޑިއާއިން މަސައްކަތްކުރަނީ އެ ތަން ހިންގައިގެން ބޮޑު ފައިދާއެއް ހޯދޭނެ ކަން ސަރުކާރަށް ވިސްނައިދީގެންނެވެ. އެކަމަކު މިކަމުގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ފިނޭންސް މިނިސްޓްރީ އާއި ޕީއެސްއެމްއާ ދެމެދު ކުރާ މަޝްވަރާތަކުގެ ނިންމުމާ ބެހޭ ގޮތުން އެއިން އެއްވެސް ފަރާތަކުން އަދި ވާހަކައެއް ނުދައްކަ އެވެ. އަދި އެންސީއޭއަކުން ވެސް އެއްވެސް ކޮމެންޓެއް ނުދިނެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޮޑު ބަދަލަކާ އެކު އޮލިމްޕަސް އަލުން ހުޅުވީ 2013 ވަނަ އަހަރެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމުން އޮލިމްޕަސް ބޭނުންވެގެން މަސައްކަތްކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމުގައި ގޮތެއް ނުނިމިގެން އުޅެނީ ދިވެހި ފިލްމު އުފައްދާ ފަންނުވެރިންނަށް ދިމާވެދާނެ ދަތިތަކެއް ހުރުމުން ކަމަށްވެ އެވެ.
އޮލިމްޕަސް އަލުން މަރާމާތުކޮށްފައި ވިޔަސް ފިލްމު ޕްރޮޑިއުސަރުން ބޭނުންވާ ބައެއް ކަންކަން އަދިވެސް ހަމަނުޖެހެ އެވެ. އޭގެ ތެރޭގައި މި ޒަމާނުގެ އެންމެ ރަނގަޅު ސައުންޑް ސިސްޓަމެއް ނެތުން ހިމެނެ އެވެ. އެކަމަކު މުޅިން ވިޔަފާރީގެ އުސޫލުން އޮލިމްޕަސް ހިންގަން ފަށައިފި ނަމަ އޭގެ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ދިވެހި ޕްރޮޑިއުސަރުންނަށް ކަމަށް، ފިލްމީ ދާއިރާގެ ބައެއް މީހުން ބުނެ އެވެ.