ވެނެޒުއެލާގެ ޖަލެއްގައި އަލިފާން ރޯވެ 68 މީހުން މަރު
ވެނެޒުއެލާގެ ޖަލެއްގައި އަލިފާން ރޯވެ 68 މީހުން މަރު

ކަރަބޯބޯ (މާޗް 29) - ވެނެޒުއެލާގެ ކަރަބޯބޯ ސްޓޭޓުގެ ސިޓީއެއް ކަމަށްވާ ވެލެންސިއާގެ ޕޮލިސް ސްޓޭޝަނުގައި ހުރި ޖަލެއްގައި އަލިފާން ރޯވެ 68 މީހުން މަރުވެއްޖެ އެވެ.

އަލިފާން ރޯވީ ޖަލުގެ ގޮދަނޑިއެއްގައި ގައިދީން ރޯކޮށްލުމުން ކަމަށްވެ އެވެ. ޖަލުގައި ރޯކޮށްލީ ޖަލު ފަޅާލާފައި ބަޔަކު ނުކުންނަން ވެގެންނެވެ.

ޖަލުގައި އަލިފާން ރޯވި ޚަބަރާ އެކު ގިނަ ބަޔަކު ވަނީ ޖަލު ބޭރަށް ޖަމާވެފަ އެވެ. ފުލުހުން ވަނީ އެ މީހުން ދުރަށް ޖެއްސުމަށް ކަރުނަ ގޭސް ޖަހައިފަ އެވެ.

ޗީފް ސްޓޭޓް ޕްރޮސެކިއުޓާ ތާރިކް ސާބް ވިދާޅުވީ ޖަލުގައި އަލިފާން ރޯވި ހާދިސާ ވަގުތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދެ އަންހެނަކު ފިޔަވައި މަރުވި އެންމެންނަކީ ވެސް ގައިދީން ކަމަށެވެ. އެ ދެން އަންހެނުންނަކީ އަލިފާން ރޯވި ވަގުތު ޖަލަށް ޒިޔާރަތްކޮށްފައި ތިބި ދެ މީހުންނެވެ.

ބައެއް ފަރާތްތަކުން ބުނި ގޮތުގައި ވެނެޒުއެލާގެ ޕޮލިސް ސްޓޭޝަންތަކުގައި ހުންނަ ޖަލުތައް ވަނީ ތޮއްޖެހިފަ އެވެ. ވެނެޒުއެލާގެ ވަގުތީ ޖަލަކުން މިދިޔަ އަހަރު ވެސް ވަނީ 65 މީހުން މަރުވެފަ އެވެ.