ޓްރަމްޕް ހުންނެވީ ކިމްއާ ބައްދަލު ކުރަން ކެތްމަދުވެފައި
ޓްރަމްޕް ހުންނެވީ ކިމްއާ ބައްދަލު ކުރަން ކެތްމަދުވެފައި

ވޮޝިންޓަން (މާޗް 29) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ޗައިނާ އަށް ކުރެއްވި ދަތުރު ކާމިޔާބުވުމާ އެކު ކިމްއާ ބައްދަލު ކުރުމަށް ކެތްމަދުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އާއި ކިމްގެ ބައްދަލުވުން ބޭއްވޭނެ ކަމަށް ލަފާކޮށްފައި ވަނީ މެއި މަހު އެވެ. ޓްރަމްޕް ވިދާޅުވީ އެ ބައްދަލުވުމުގެ ކުރިން ވެސް ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ޕްރެޝަރު ކުރާނެ ކަމަށެވެ. އަދި ކޮރެއާ ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ތަނަކަށް ހެދިދާނެކަމުގެ އުއްމީދު މިހާރު ބޮޑު ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ނޯތު ކޮރެއާގެ ލީޑަރުކަން 2011 ވަނަ އަހަރު ލިބިވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުގައި ކިމް ވަނީ ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައިފަ އެވެ. ކިމް އާއި ޝީ ޖިންޕިން ބޭއްވި ބައްދަލުވުމަށް ޓްރަމްޕް ވަނީ ތައުރީފް ކުރައްވައިފަ އެވެ.

"ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި ކަމެއް ކިމް ޖޮން-އުން ކުރައްވަފާނެ ކަމަށް މިހާރު އުއްމީދު ކުރެވޭ،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ކިމް އާއި އަނބިކަނބަލުން ރި ސޮލް-ޖޫ ޗައިނާ އަށް ވަޑައިގެންނެވީ ރޭލުގަ އެވެ. ކިމް ވިދާޅުވެފައި ވަނީ އެމެރިކާ އާއި ސައުތު ކޮރެއާގެ ނިޔަތް ރަނގަޅު ނަމަ ކޮރެއާ ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދިދާނެ ކަމަށެވެ.