ރަންބީރް ކަޕޫރާ ހެދި ކެޓްރީނާ އާއި އާލިއާގެ އެކުވެރިކަން ނިމުމަކަށް؟
ރަންބީރް ކަޕޫރާ ހެދި ކެޓްރީނާ އާއި އާލިއާގެ އެކުވެރިކަން ނިމުމަކަށް؟

ބޮލީވުޑްގައި މި ފަހުން ބެސްޓް ފްރެންޑުންގެ ގޮތުގައި އެންމެ މަޝްހޫރުވި ދެ ބަތަލާއިންނަކީ ކެޓްރީނާ ކެއިފް އާއި އާލިއާ ބަޓް އެވެ. އެކަމަކު މިހާރު ރިޕޯޓްތައް ބުނާ ގޮތުން އެ ގުޅުމުގައި މިހާރު ވަނީ ކުނި ޖެހި، ހަސަދައިގެ ހުޅުގަނޑު ރޯވާން ކައިރިވެފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އާލިއާ އާއި ކެޓްރީނާ ދެ ބެސްޓް ފްރެންޑުންގެ ގޮތުގައި ލޭބަލްވިތާ އެހާ ގިނަ ދުވަހެއް ނުވަނީސް، ދެ މީހުންގެ މެދުގައި ކުނި ޖެހުމުގެ އަސްލަކީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރެވެ.

އާލިއާ މިހާރު އަންނަނީ ރަންބީރާ އެކު، ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަޔާން މުޖަރްޖީ ޑައިރެކްޓް ކުރާ ފިލްމް "ބްރައްމަސްތުރާ" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމްގެ ޝޫޓިން އަށް ދެ މަހެއްހާ ދުވަހު، ބަލްގޭރިއާގައި އުޅެފައި އާލިއާ މި ހަފުތާގައި އެނބުރި މުމްބާއީ އަށް ގޮސްފައިވާ އިރު، ރަންބީރު ހުރީ ލަންޑަންގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާލިއާ ދެކެ ކެޓްރީނާ ހިތްހަމަނުޖެހިގެން އުޅެނީ ރަންބީރާއި އާލިއާގެ ގުޅުން މާ ބޮޑަށް ބަދަހިވަމުން އަންނާތީ އެވެ. ބަލްގޭރިއާގައި "ބްރައްމުސްތުރާ" ގެ މަސައްކަތް ކުރަމުން ދިޔަ އިރު، ރަންބީރާ އެކު ނަގާފައިވާ ފޮޓޯތަކާއި އާލިއާގެ 25 ވަނަ އުފަން ދުވަސް ފާހަގަކުރަން ރަންބީރުގެ މަންމަ ނީޓޫ ކަޕޫރާ އެކު، އާލިއާ ނަގާފައިވާ ފޮޓޯތަކެއް ވެސް އިސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

އަދި މި ފޮޓޯތަކާ އެކު މީޑިއާތަކުން ވަނީ އާލިއާ އާއި ރަންބީރު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެފަ އެވެ. އަދި އެ ގުޅުން ވަރަށް ސީރިއަސް ކަމަށް ވެސް ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާލިއާ ކުރިން ރައްޓެހިވެގެން އުޅުނު ކަމަށް ބުނާ އެކްޓަރު ސިދާތު މަލްއުތުރާ އާއި އާލިއާ "ސިންގަލް" ކަމަށް ދޭތެރެ ދޭތެރެ އިން ބުނާތީ، ރަންބީރާއި އާލިއާގެ ގުޅުމުގެ ވާހަކައަކީ ސައްހަ ވާހަކަ އަކަށް އެވުން ވެސް ވަރަށް ގާތެވެ.

ކެޓްރީނާ މޫނު ކުނިކޮށް، ތުން އަނބުރައިގެން އުޅެނީ މި ސަބަބުތަކާ ހެދި ކަމަށް މީޑިއާތަކުން ބުނި ނަމަވެސް، އާލިއާ ވެސް އަދި ކެޓްރީނާ ވެސް މި މައްސަލާގައި އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަނެއްކޮޅުން އާލިއާ އިހަކަށް ދުވަހު ދިން އިންޓަވިއުއެއްގައި ވަނީ ކެޓްރީނާގެ އިތުރުން ރަންބީރުގެ ފުރަތަމަ ލޯބިވެރިޔާ ދީޕިކާ ޕަދްކޯންއާ އެކު ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.

ކެޓްރީނާ އާއި ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރާ އެކު، އާލިއާ ފިލްމެއް ކުޅެމުން އަންނަ އިރު، ފާހަގަކޮށްލެވޭ އަނެއް ކަމަކީ ދީޕިކާގެ މިހާރުގެ ލޯބިވެރިޔާ ރަންވީރް ސިންގާ އެކު ވެސް، އޭނާ ފިލްމެއް ކުޅެފައިވާ ކަމެވެ. އެއީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގައި ރިލީޒް ކުރާ ޒޯޔާ އަހްތަރުގެ "ގަލީ ބޯއި" އެވެ.

ރަންބީރުގެ މައްސަލާގައި ކެޓްރީނާ އާއި ދީޕިކާ ވެސް ދެ ހަތުރުންނަށްވެފައިވާ އިރު، މިވީ ގޮތުން ކެޓްރީނާގެ ދުޝްމަނުންގެ ލިސްޓަށް މިހާރު އާލިއާ ވެސް އެރީ ކަމަށް ބެލި ދާނެ އެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި ސަލްމާން ހާނާ ރައްޓެހިވެގެން އުޅެފައި، ކުއްލި ގޮތަކަށް އޭނާ ދޫކޮށްލައި ދީޕިކާގެ އަތުން ރަންބީރު ޖަހައިގަތީ ވެސް ކެޓްރީނާ އެވެ.

އެ ދެ މީހުން ރައްޓެހިވެގެން ހަތަރު ވަރަކަށް އަހަރު އުޅުނު އިރު، ދެ މީހުން އުޅުނީ ވަކިން ފްލެޓެއްގަ އެވެ. ރަންބީރާއި ކެޓްރީނާ ކައިވެނި ކޮށްފާނެހެން ހީވާ ހިސާބަށް ގޮސްފައި ވަނިކޮށް އެ ގުޅުން ނިމުމަކަށް އައީ 2016 ގަ އެވެ.