29 މާޗް 2018 - 11:00

މެޑްރިޑް (މާޗް 29) – ސްޕެއިނުގެ ކޯޗު ހުލެން ލޮޕެޓެގުއީ އޭނާ އަށް ކުރާ އިތުބާރު ރެއާލް މެޑްރިޑުގައި އަދި އޭނާ އަށް ހާސިލްނުވާ ކަމަށް މިޑްފީލްޑަރު އިސްކޯ ބުނެފި އެވެ.
ރެއާލް މެޑްރިޑުގައި އިސްކޯ އަށް އަދިވެސް ޖާގަ ކަށަވަރެއް ނުކުރެވެ އެވެ. އެކަމަކު އޭނާ ވަނީ އެކުވެރިކަމުގެ މެޗެއްގައި އަންގާރަ ދުވަހުގެރޭ އާޖެންޓީނާ އަތުން 6-1 އިން ސްޕެއިން މޮޅުވި މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ.
"ކޯޗުގެ އިތުބާރު އަހަންނަށް އޮވޭ، އެކަމަކު ވެދާނެ މެޑްރިޑުގައި އަހަންނަށް އަދި އެ އިތުބާރު ހާސިލްނުކުރެވޭ ކަމަށް. އެހެންވެ ގައުމީ ޓީމު އަހަންނަށް އެހާ މުހިއްމީ، އެއީ އެ ޓީމުން އަހަންނަށް ދިރުން ލިބޭތީ،" އިސްކޯ ބުންޏެވެ.
އިސްކޯ ބުނީ ރެއާލް މެޑްރިޑާއި ސްޕެއިނުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން އަޒުމް ކަނޑައަޅާ ކަމަށާއި އެކަމަކު އެކަން ކުރެވެން އޮތް ހަމައެކަނި މަގަކީ ބުރަކޮށް މަސައްކަތް ކުރުން ކަމަށެވެ.
"ރެއާލް މެޑްރިޑުގައި ވަރަށް މޮޅު ކުޅުންތެރިން އެބަތިބި، ވެދާނެ މައްސަލައަކީ އަހަރެން ކަމަށް،" އިސްކޯ ބުންޏެވެ.
ސްޕެއިނުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އިސްކޯގެ ކުޅުމާ މެދު މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ހިތްހަމައެއްނުޖެހެ އެވެ. އެހެންވެ މި ސީޒަން ނިމުމުން އޭނާ ވިއްކާލަން ޒިދާން ހުއްދަދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިސްކޯ ދޫކޮށްލާ ނަމަ މެޑްރިޑުން ގެންނަން އެންމެ ބޭނުންވާނެ ކުޅުންތެރިޔަކީ ޗެލްސީގެ ހަޒާޑް ކަމަށް ލަފާކުރެވެ އެވެ.
ވެލެންސިއާ އާއި މަލާގާގެ ކުރީގެ ކުޅުންތެރިޔާ ރެއާލް މެޑްރިޑާ ގުޅުނީ 2013 ވަނަ އަހަރެވެ. އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ އެންމެ ފުރަތަމަ ކުޅުނީ އެޓޭކިން މިޑްފީލްޑަރުގެ ނުވަތަ ސެކަންޑް ސްޓްރައިކަރެއްގެ ރޯލަށެވެ. އެކަމަކު މެޑްރިޑަށް ބަދަލުވެ ކުރީކޮޅު އޭނާ ލައްވާ ޕްލޭމޭކަރެއްގެ ކުޅުވި އެވެ.