31 މާޗް 2018 - 07:31

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާގެ ފިރިމީހާ ވިރާޓް ކޯލީގެ ވެކްސް ސްޓެޗޫ ހަދަން މެޑަމް ޓްސޯޑްސް މިއުޒިއެމް އިން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު މިއުޒިއަމް ޗެއިނުން ކުރި ޓްވީޓެއްގައި ވަނީ ވިރާޓްގެ ސްޓެޗޫ މެޑަމް ޓްސޯޑްސް ނިއު ދިއްލީ ގޮފީގައި ބަހައްޓާކަން އިއުލާންކޮށްފަ އެވެ. އެ ޓްވީޓްގައި ވަނީ ވިރާޓްގެ ސްޓެޗޫ އަށް ނަގަން ޖެހޭ މެޝަމަންޓްސް ނެގުމުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ވިރާޓް، 29، ގެ ސްޓެޗޫ ބަހައްޓާނެ ކަމަށް މެޑަމް ޓްސޯޑްސް އިން ބުނި ނަމަވެސް، ސްޓެޗޫ ދައްކައިލާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މެޑަމް ޓްސޯޑްސްގެ ގޮފިތަކުގައި އިންޑިއާގެ ވަރަށް މަޝްހޫރު ގިނަ ސެލެބްރިޓީންގެ ސްޓެޗޫތައް ބަހައްޓާފައިވެ އެވެ. އެގޮތުން ދާދި ފަހުން ވަނީ ހޮންކޮންގްގެ މެޑަމް ޓްސޯޑްސްގައި އެކްޓަރު ވަރުން ދަވަންގެ ސްޓެޗޫއެއް ވެސް ބަހައްޓައިފަ އެވެ.
ލަންޑަންގައި ހުންނަ އެ މިއުޒިއަމްގެ މައި ގޮފީގައި މިހާރު ވެސް ބޮލީވުޑްގެ ވަރަށް ގިނަ އޭ ލިސްޓް ތަރިންގެ ސްޓެޗޫތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޝާހްރުކް ހާން، އަމީތާބް ބައްޗަން، އައިޝްވާރިޔާ ރާއީ، ސަލްމާން ހާން، މަދޫރީ ޑިކްސިޓް، ރިތިކް ރޯޝަން، ކަރީނާ ކަޕޫރް އަދި ކެޓްރީނާ ކެއިފް ފާހަގަކޮށްލެވެ އެވެ.