އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސިފައިންނާއި އިމިގްރޭޝަނުން ސޮއިކޮށްފި
އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސިފައިންނާއި އިމިގްރޭޝަނުން ސޮއިކޮށްފި

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި މަސައްކަތްތައް ކުރި އަށް ގެންދިއުމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ދިވެހި ސިފައިންނާއި އިމިގްރޭޝަނުން މިއަދު ސޮއިކޮށްފި އެވެ.

ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލާ މުހައްމަދު އަންވަރެވެ.

މި އެއްބަސްވުމުގެ ދަށުން، ދެ މުއައްސަސާ އަށް ގާނޫނީ ގޮތުން ހަވާލު ކޮށްފައިވާ މަސައްކަތްތަކަށް ދެ ފަރާތުން އެއްބާރުލުން ދިނުމާއި އެއް ވިސްނުމެއްގައި މަސައްކަތް ކުރުމުގެ ރޫހާއި މަގު ތަނަވަސް ކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް ވިދާޅުވީ ޓެރަރިޒަމް ހުއްޓުވަން ކުރާ މަސައްކަތްތަކަށް ވެސް މިއަދު ގާއިމް ކުރި އެއްބަސްވުމުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ މައުލޫމާތު ވެސް އެއްކުރުމުގައި ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާ ގުޅިގެން ކޮމެޓީއެއް އެކުލަވާލާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.