30 މާޗް 2018 - 08:19

ބައްޕަ ޖެކީ ޝްރޮފްކީ މަޝްހޫރު އެކްޓަރަކަށް ވިޔަސް، ބޮލީވުޑްގައި ގިނަ ބަޔަކު އޭނާ ބަލައިގެންފައި ވަނީ އަމިއްލަ އަށް ކުރި ބުރަ މަސައްކަތުން ކަމަށާއި ބައްޕަގެ ހިޔަނީގައި ކުރިއަށް ދާން ބޭނުން ނުވާ ކަމަށް އެކްޓަރު ޓައިގާ ޝްރޮފް ބުނެފި އެވެ.
ފިލްމް "ހީރޯޕަންޓީ" އިން 2013 ގައި ފިލްމް ކުޅެން ފެށި ޓައިގާ ބުނީ އޭނާގެ ކެރިއަރުގައި ބައްޕަގެ ހިއްސާއެއް ނެތް ކަމަށެވެ.
"އަހަންނަށް މިއަދު އާދެވިފައި މި ހުރި ހިސާބަށް އާދެވުނީ ހިތްވަރާ އެކު ކުރި މަސައްކަތުން. އެއްގޮތަކަށް ވެސް ޖެކީ ޝްރޮފްގެ ދަރިއަކަށްވެގެނެއް ނޫން. އަހަރެން ގަބޫލެއް ވެސް ނުކުރަން ޖެކީގެ ދަރިއަކަށް އަހަރެންވުމަކީ ބައްޕަގެ ހިޔަނީގައި އަބަދު ހިނގަން ޖެހޭނެ ކަމެއް ކަމަކަށް ވެސް،" 28 އަހަރުގެ އެކްޓަރު ބުންޏެވެ. "އެކަމަކު ޖެކީގެ ދަރިއަކަށްވުމަކީ އަހަންނަށް އޮތް ޕްރެޝަރެއް. އޭގެ ސަބަބުން ހަގީގަތުގައި ހިތްވަރު ލައިގެން އިތުރަށް ކުރިއަށް ދާން ބާރަކަށްވޭ."
ޓައިގާ ބުނި ގޮތުގައި އޭނާގެ ފިލްމީ ކެރިއަރު ބައްޓަން ކުރުމުގައި ބައްޕަގެ އަތެއް ނެތެވެ. އަދި ހުރިހާ ކަމެއްގައި ވެސް ކަންކަން ނިންމަނީ އަމިއްލައަށެވެ.
"އަހަރެން ވަރަށް އުފާކުރަން އަމިއްލަ މަސައްކަތުން އަމިއްލަ އަށް އައިޑެންޑިޓީއެއް ވެސް މިހާރު ކްރިއޭޓް ކުރެވިފައިވާތީ،" މިހާރު ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އެކްޓަރު ބުންޏެވެ. "އެއީ ކަންނޭނގޭ އެކްޓަރަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ."
ޓައިގާގެ ކުރިއަށް އޮތް އޮތީ ވެސް އެކްޝަން ފިލްމެކެވެ. އެއީ 2015 ގައި އޭނާ ކުޅުނު ފިލްމް "ބާގީ" ގެ ދެވަނަ ބައި "ބާގީ 2" އެވެ. މިއަދު ރިލީޒް ކުރާ އެ ފިލްމަކީ ލޯބިވެރިޔާ ޑިޝާ ޕަޓްނީއާ އެކު، ޓައިގާ ކުޅެފައިވާ ފިލްމެކެވެ.
ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި އަހުމަދު ހާން ޑައިރެކްޓްކޮށްފައިވާ "ބާގީ 2" ވެގެން ދާނީ ޓައިގާގެ ފުރަތަމަ 100 ކްރޯޑް ފިލްމަށެވެ. އެނަލިސްޓުން ބުނާ ގޮތުގައި އެ ފިލްމް ބޮކްސް އޮފީހުގައި ހިނގާނެ ބައެއް ސަބަބުތަކުގެ ތެރޭގައި މިހާތަނަށް ހިންދީ ސިނަމާ އިން ފެނިފައި ނުވާ ކަހަލަ އާދަޔާހިލާފު އެކްޝަން ހިމެނުމާއި ޓައިގާގެ ލުކް ތަފާތުވުމުގެ އިތުރަށް ލޯބިވެރިޔާއާ އެކު އޭނާ ފެނިގެންދާ ފުރަތަމަ ފިލްމަށްވުން ހިމެނެ އެވެ.
ޓައިގާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޕުނީތު މަލްއުތުރާ ޑައިރެކްޓް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ. މި އަހަރުގެ ނޮވެމްބަރު 23 ގައި ރިލީޒް ކުރާ އެ ފިލްމްގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ.
އެ ފިލްމަށް ފަހު "ރާމްބޯ" ގެ ހިންދީ ރިމެކިން އާއި ރިތިކް ރޯޝަނާއި ވާނީ ކަޕޫރާ އެކު ޓައިގާ ކުޅޭ އަދި ވަކި ނަމެއް ދީފައި ނުވާ ފިލްމް ވެސް ހިމެނެ އެވެ.
ޓައިގާ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ނުލިބުނު "މުންނާ މައިކަލް" އެވެ. އެހެންވެ "ބާގީ 2" ހިޓަކަށްވުން ވެސް އޭނާ އަށް ވަރަށް މުހިއްމެވެ.