29 މާޗް 2018 - 09:53

ލަންޑަން (މާޗް 29) - މެންޗެސްޓާ ޔުނައިޓެޑުން ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދޫކޮށްލާނީ އޭނާގެ ބަދަލުގައި ރެއާލް މެޑްރިޑުން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދޭން އެއްބަސްވެއްޖެނަމަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރެއާލުން ފާއިތުވި އަހަރުތަކުގައި އެންމެ ބޭނުންވި އެއް ކުޅުންތެރިޔަކީ ޑެހެއާ އެވެ. މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ޑެހެއާ ރެެއާލާ ގުޅުމާ ގާތަށް ޖެހިލި އެވެ. އެ ފަހަރު ޑެހެއާ އަށް ރެއާލާ ނުގުޅެވުނީ ޔުނައިޓެޑުން ޓްރާންސްފާގެ ލިޔުންތައް މުއްދަތު ހަމަވުމުގެ ކުރިން ފެކްސް ނުކުރުމުގެ ސަބަބުންނެވެ.
މި ސީޒަނަށް ފަހު ޑެހެއާ އަށް ރެއާލުން ބޮޑު އަގެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނައިރު، ފަހަކަށް އައިސް ރަސްމީ ނޫން ސިފައެއްގައި ޔުނައިޓެޑުން އަންނަނީ ރެއާލަށް ޑިމާންޑްތަކެއް ކުރަމުންނެވެ. ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެ ޓީމުގެ ބޯޑަށް ހުށަހަޅާފައިވަނީ ބަދަލުގައި ރޮނާލްޑޯ ލިބޭނަމަ ޑެހެއާ ދޫކޮށްލުމަށެވެ.
ސްޕެއިން ފުޓްބޯޅައިގެ ތަޖުރިބާކާރު ގުއިލެމް ބަލަގޫ ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޔުނައިޓެޑުން ބޭނުންވަނީ ޑެހެއާ ނުވިއްކާވާނެ ގޮތެއް ހޯދުމަށް ކަމަށާއި ރޮނާލްޑޯ ބަދަލުގައި ހޯދުމަށް އެދެނީ އެހެންވެ ކަމަށެވެ.
އުމުރުން 33 އަހަރުގެ ރޮނާލްޑޯގެ ފޯމު ސީޒަނުގެ ކުރީކޮޅުގައި ދަށްވި ނަމަވެސް ފަހަކަށް އައިސް އޭނާ ވަނީ ތަފާތު ދައްކައިފަ އެވެ. އަދި މި އަހަރު ފެށުނު ފަހުން އެންމެ ރަނގަޅު ފޯމެއްގައި ހުރީ ރޮނާލްޑޯ އެވެ. ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ރޮނާލްޑޯ އެ ޓީމު ދޫކޮށްލާ ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ.
ސްޕެއިނުގެ މީޑިއާ އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އުމުރުން 27 އަހަރުގެ ޑެހެއާ ބުނީ ޕްރިމިއާ ލީގުގައި ކުޅުމަކީ އަބަދުވެސް އާ ތަޖުރިބާކުރެވޭ ކަމެއް ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ގައުމީ ޓީމަށް ކުޅެން ސްޕެއިނަށް އައުމުން ކުރެވޭ އިހުސާސްތައް ތަފާތު ކަމަށާއި މުސްތަގުބަލާ މެދު މާ ދުރު ވިސްނުމަކަށްދާން ބޭނުންނުވާ ކަމަށް ބުންޏެވެ.