ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގަށް ޝައުގުވެރި ބަދަލުތަކެއް
ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގަށް ޝައުގުވެރި ބަދަލުތަކެއް

ޒިއުރިކް، ސްވިޒަލެންޑް (މާޗް 29) - ޔޫރަޕްގެ އެންމެ ޝަރަފްވެރި ދެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގަށް އަންނަ ސީޒަނުން ފެށިގެން ޝައުގުވެރި ބަދަލުތަކެއް ގެންނަން ޔުއެފާ އިން ނިންމައިފި އެވެ.

އެ ބަދަލުތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ނޮކައުޓް މެޗުތަކުގައި އިތުރު ވަގުތަށް ގޮސްފިނަމަ ހަތަރު ވަނަ ބަދަލެއް ގެނެވޭ ގޮތަށް ހަމަޖެއްސުން ހިމެނެ އެވެ. މި އަހަރު ޖޫން މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް މި ގަވާއިދަށް އަމަލުކުރާނެ އެވެ. މި ގަވާއިދު އެންމެ ފުރަތަމަ ޓެސްޓްކުރި ބޮޑު މުބާރާތަކީ 2016 ވަނަ އަހަރު ބްރެޒިލްގައި އޮތް އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓެވެ.

ޔުއެފާ އިން ދެން ގެނައި ބަދަލަކީ އެއް ސީޒަނެއްގައި ޔޫރަޕްގެ މުބާރާތްތަކުގައި ތަފާތު ދެ ޓީމަކަށް ކުޅެވޭ ގޮތަށް ގަވާއިދަށް ބަދަލު ގެނައުމެވެ. އެއީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރިޔަސް އެ ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ދިނުމަށެވެ. ކުރިން އެ ހުއްދަ ނުދީ އޮތީ ކުރީގެ ކްލަބާ ދެކޮޅަށް އެ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ކުޅުންތެރިޔާ އަށް އޮންނާތީ އެވެ.

މިސާލަކަށް މިދިޔަ ޖެނުއަރީ މަހު ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ބްރެޒިލްގެ މިޑްފީލްޑަރު ކުޓީނިއޯ އަށް މިހާރު ގަވާއިދު އޮންނަ ގޮތުން ޗެމްޕިއަންސް ލީގުގައި ނުކުޅެވެ އެވެ. އެއީ އޭނާ މި ފަހަރު ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް ކުޅެފައިވުމުންނެވެ.

ޔުއެފާ އިން ދެން ގެނައި ބަދަލަކީ ޗެމްޕިއަންސް ލީގުގެ މެޗުތައް ކުޅޭ ގަޑިއަށް ގެނައި ބަދަލުތަކެކެވެ. މިހާރު ޗެމްޕިއަންސް ލީގުގެ މެޗުތައް ފަށަނީ އޭޝިއާ ބައްރުގެ ގައުމުތަކަށް މެންދަމާ ދިމާވާ ވަގުތުތަކުގަ އެވެ. ގެނައި ބަދަލާ އެކު ޔުއެފާ އިން ނިންމާފައިވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ވުރެ އަވަސް ގަޑިއެއްގައި ކުޅުމަށެވެ. އެގޮތުން ބައެއް މެޗުތައް ރާއްޖެ ގަޑިން 10 ޖަހާއިރު ފަށާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މިއީ ޓީވީ ސްޕޮންސަޝިޕް މެދުވެރިކޮށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ގެނައި ބަދަލެކެވެ.