30 މާޗް 2018 - 08:20

ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމަކަށް ވަރުން ދަވަން ސޮއިކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިމްތިއާޒް، ޝާހިދު ކަޕޫރާ އެކު އަލަށް މަސައްކަތް ފަށަން އުޅުނު ފިލްމްގެ ސްކްރިޕްޓާ ދޭތެރޭ ދެ މީހުންގެ މެދުގައި ހިޔާލު ތަފާތުންތަކެއް ހުރެގެން، އެ ފިލްމް މިހާރު ވަނީ މަޑު ޖައްސާލައިފަ އެވެ. އެ ދެ މީހުން ކުރިން ވަނީ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ ޖަބް ވީ މެޓް (2007) ގައި މަސައްކަތްކޮށްފަ އެވެ.
ޝާހިދުގެ ފިލްމް ބާއްވާފައި ވަރުން ހިމަނައިގެން ފިލްމެއް ހަދަން އިމްތިއާޒް ތައްޔާރުވަމުން އަންނަ ކަމަށް ބުނި ނަމަވެސް ވަރުން ވަނީ އިމްތިއާޒްގެ ފަރާތުން މިހާތަނަށް އެއްވެސް ހުށަހެޅުމެއް ލިބިފައި ނެތް ކަމަށް ބުނެފަ އެވެ.
"އޭނަގެ ފަރާތުން އެއްވެސް އޮފާއެއް އައިސްފައެއް ނެތް. އަދި މިހާތަނަކަށް އަހަންނާ އިމްތިއާޒާ ބައްދަލެއް ވެސް ނުވޭ،" ވަރުން ބުންޏެވެ. "އެހެންވެ އަހަރެމެން ދެ މީހުން ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން."
ވަރުން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ މަހުގެ 13 ގައި ރިލީޒް ކުރާ "އޮކްޓޯބާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އަދި "ރަންބޫމީ" ހިމެނެ އެވެ.