19 ޖުލައި 2016 - 14:21

ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ސާބިތުވެ ހަތަރު މަހަށް ވުރެ ގިނަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ޖަލަށް ލާން އިއްޔެ ހުކުމް ކުރީ ރައީސް އަބްދުﷲ ޔާމީން އޭނާއަށް ބިރުދައްކަވައި، ފަހަތަށް ޖެއްސުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މަހުލޫފަށް ބިރުދައްކަވަން ރައީސް ބޭނުންވެ ވަޑައިގަތީ ސަރުކާރުގެ ވައްކަމާއި ފަސާދައިގެ ވާހަކަ އޭނާ ދައްކަވައި، ސަރުކާރު ޖަވާބުދާރީ ކުރެއްވުމަށް މަސައްކަތް ކުރައްވާތީ އެވެ. އެކަމަކު އޭނާއަކީ ނާއިންސާފު މި ފަދަ ހުކުމްތަކުން ދައްކާ ބިރަށް ޖެހިލުންވެ ވަޑައިގެން، ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށް ބަޔާނުގައި ބުންޏެވެ.
ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެން އަދި މިހާރު އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފްގެ މައްޗަށް އެ ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭނާ ފުލުހުންގެ ބަންދުގައި ހުންނެވި އިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތް ކޮށްގެންނެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ މަހުލޫފު ވަޑައިގެންނެވީ ފުލުހުން އޭނާގެ އަނބިކަނބަލުންގެ ގަޔަށް އަތްލައި ފުރައްސާރަ ކުރުމުން އޭނާއަށް ރައްކާތެރިކަން ދިނުމަށް ކަމަށާއި އެކަމަކު މަހުލޫފް ވަޑައިގެންނެވީ ފިލަން ކަމަށް ކޯޓުން ހުކުމް ކުރުމަކީ ބުއްދިއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މަހުލޫފް ފަދަ ބޭފުޅަކު، ފުލުހުންނާއި ނޫސްވެރިންނާއި އާއްމުން ވެސް ތިބި ތަނެއްގައި ފިލަން މަސައްކަތް ނުކުރައްވާނެ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.
އޭގެ އިތުރުން އެ މައްސަލައިގައި މަހުލޫފް ފަރާތުން ހުށަހެޅުއްވި ދިފާއީ ހެއްކަށް ޝަރީއަތުން ރިއާޔަތްކޮށްފައި ނުވާތީ ވެސް އެ ޕާޓީން ކަންބޮޑުވުން ފާޅުކުރި އެވެ.
"ހަމަ އެ ފަދައިން އަދަބު ކަނޑައެޅުމުގައި ރިއާއަތް ކުރަންޖެހޭ، ފުރަތަމަ ފަހަރު ދެވޭ އަދަބަކަށް ލުއި އަދަބު ވާން ޖެހޭނެ ކަމަށް އޮންނަ ގާނޫނީ އަދި ޝަރީއަތް ކުރުމުގެ ހަމަތަކަށް ރިޔާޔަތް ކުރުމެއް ނެތި، ޖޫރިމަނާގެ އަދަބު އޮތް އިރު އެއަދަބަށް ވެސް ރިއާޔަތް ނުކޮށް، ގިނަ މަސްތަކަކަށް މަހުލޫފް ވަނީ ޖަލަށް ހުކުމްކުރައްވާފަ އެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެހެންވެ، މިއީ ބޭއިންސާފުންކޮށްފައިވާ ހުކުމެއް ކަަމަށާއި މަހުލޫފް ދޫކޮށްލުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
އޭނާގެ މައްޗަށް ކުރި ހުކުމް، އިދިކޮޅު އިއްތިހާދުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ މަހުލޫފްގެ މައްޗަށް ކުރި ހުކުމަކީ ސަރުކާރުން ސިޔާސީ ކަންތައްތަކުގައި ޝަރުއީ ނިޒާމު ބޭނުންކުރާ ކަމުގެ ހެއްކެއް ކަމަށެވެ.