28 މާޗް 2018 - 20:24

ކޮލަމްބޯ (މާޗް 28) - ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އެތައް ބާރެއް ރައީސް ސިރިސޭނާ މިއަދު ނަންގަވައިފި އެވެ.
ބޮޑު ވަޒީރުގެ ބާރުގެ ދަށުގައި ކުރިން އޮތް ސެންޓްރަލް ބޭންކާއި ސިޔާސަތުތައް ކަނޑައަޅާ ނޭޝަނަލް އޮޕަރޭޝަންސް ރޫމް އަދި އެތައް މުއައްސަސާއެއް މިއަދު ވަނީ ނަންގަވައިފަ އެވެ. ލަންކާގެ އާ ސަރުކާރު 2015 ވަނަ އަހަރު ގާއިމްކުރި ފަހުން އެ ހުރިހާ މުއައްސަސާއެއް ހިންގަމުން ދިޔައީ ރަނިލްގެ ބެއްލެވުމުގެ ދަށުންނެވެ. ރަނިލްގެ އަތްޕުޅުން ބާރުތައް ނަންގަވާ އެ ބާރުތައް މާލީ ވަޒީރު މަންގަލަ ސަމަރަވީރާ އަށް ހަވާލުކުރިކަން މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.
ރަނިލްގެ ބެއްލެވުމުގެ ދަށުގައި އޮތް ކެބިނެޓުގެ އިގްތިސާދީ ކޮމިޓީ ވެސް ސިރިސޭނާ ކުރިން ވަނީ އުވާލައްވައިފަ އެވެ.
ބޮޑު ވަޒީރު ރަނިލްގެ ބާރުގެ ދަށުން ސެންޓްރަލް ބޭންކް ނެގި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަަމަވެސް ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ މަގާމަށް 2015 ވަނަ އަހަރު ރަނިިލް ހަމަޖެއްސި އަރުޖުނާ މަހެންދުރަން ވަނީ ބޮންޑު ވިއްކުމުގައި ބޮޑު ކޮރަޕްޝަނެއް ހިންގައިފަ އެވެ. ބޮންޑު ވިއްކައިގެން 75 މިލިއަން ޑޮލަރުގެ ނާޖާއިޒް ފައިދާ ވަނީ ނަގައިފަ އެވެ. އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.
ސިރިސޭނާ އާއި ރަނިލް ގުޅިވަޑައިގެންނެވީ 2015 ވަނަ އަހަރުގެ އިންތިޚާބުގައި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ބަލިކުރުމަށެވެ. ނަމަވެސް އޭގެ ފަހުން ކޯލިޝަނުގައި ވަނީ ރެނދުލައިފަ އެވެ. ދެ ބޭފުޅުންގެ ގުޅުން އިތުރަށް ގޯސްވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ. އެ ނާކާމިޔާބީގެ ޒިންމާ ސިރިސޭނާ އަޅުވާފައި ވަނީ ރަނިލްގެ އިސްތަަށިފުޅުގަ އެވެ.
ރިޔާސީ ދައުރުގެ މުއްދަތަށް އެއް އަހަރު އިތުރު ކުރަން ސިރިސޭނާ އުޅުއްވުމުން ވެސް ރަނިލްއާ އެކު އޮތް ގުޅުމަށް ވަނީ ހީނަރުކަން ކުރިމަތިވެފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ދައުރުގެ މުއްދަތު ދިގު ނުކުރެވޭނެ ކަމަށް ނިންމައިފަ އެވެ.
މި އަހަރު ކުރީކޮޅު ސިރިސޭނާ ވަނީ ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ފާޅުގައި ފާޑު ވިދާޅުވެފަ އެވެ. އަދި ކުރީގެ ރައީސް ރާޖަޕަކްސާގެ ސަރުކާރަށް ވުރެ ޔޫއެންޕީގެ ކޮރަޕްޝަން ބޮޑު ކަމަށް ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.
ރަނިލްގެ ގިނަ ބާރުތަކެއް ނެންގެވި އިރު އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވަނީ ޕާލަމެންޓަށް ވައްދައިފަ އެވެ. ލަންކާ ޕާލަމެންޓުގެ 225 މެންބަރުންގެ އަޣުލަބިއްޔަތު އޮންނަނީ ޔޫއެންޕީ އަށެވެ. ބޮޑު ވަޒީރުކަމުން ރަނިލް ދުރުކުރެވޭނީ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީއާ ރަނިލްގެ ޔޫއެންޕީގެ ބައެއް މެންބަރުން ގުޅިއްޖެ ނަމަ އެވެ.
ލަންކާ ސަރުކާރު އުވާލުމަށް ފަހު އާ އިންތިޚާބެއް ބޭއްވުމަށް ރައީސް އަށް ލިބިގެންވާ ބާރު ގާނޫނު އަސާސީން މިހާރު ވަނީ އުނިކޮށްފަ އެވެ. އެ ބަދަލުތައް ގެނެސްފައި ވަނީ ސިރިސޭނާގެ ވެރިކަމުގެ ކުރީކޮޅު އެވެ.