28 މާޗް 2018 - 19:39

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގާނޫނާ ހިލާފަށް ހައްޔަރުކުރުމަށް ފަހު، ބަންދުގައި ބެހެއްޓުމަށް ހިންގާފައި ވަނީ ޣައިރު ދުސްތޫރީ ބާތިލު އިޖުރާއާތެއް ކަމަށް އެ މަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލުން މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ފެބްރުއަރީ ހަ ވަނަ ދުވަހު ގާނޫނާ ހިލާފަށް ހައްޔަރު ކުރުމަށްފަހު، އެ މަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ ފަރާތުން އިއުތިރާޒްކޮށް، އެ މަނިކުފާނުގެ ކިބައިން އެ ހައްގު ނިގުޅައިގެންފައި ވަނީ ކުއްލި ހާލަތުގެ ދަށުން ކަމަށް އޭރު ފުލުހުން އަންގާފައިވާ ކަމަށެވެ. ނަމަވެސް މި މަހުގެ 21 ވަނަ ދުވަހު ކުއްލި ހާލަތު ނިމުމަކަށް ނާންނަނީސް އުއްތަމަ ފަނޑިޔާރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކަމަށް ބުނެ ފުލުހުން އެ މަނިކުފާނު ކޯޓަށް ހާޒިރުކުރި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ނަމަވެސް ޝަރީއަތުގެ މަޖިލީހަށް ވެންނެވުމުން، އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން އެ މަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ދުވަހުގެ ޝަރީއަތް ކުރިޔަށް ގެންގޮސްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ގަރާރުން ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައިވާ ހައްގުތަކާއި ގާނޫނުތަކުގެ ތެރެއިން ޕްރޮސެކިއުޓާ ޖެނެރަލް އާއި ކްރިމިނަލް ކޯޓުން ބޭނުން ގާނޫނުތައް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ގާނޫނު އަސާސީއާ ހިލާފަށް ނިންމުމަށްފަހު އެވެ،" ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހިފަހައްޓާފައިވާ ހައްގުތަކާއި ގާނޫނުތަކަށް ބަދަލު ގެންނަން ނިންމުމުގެ ބާރު ގާނޫނުއަސާސީން ލިބޭ ހަމައެކަނި ފަރާތަކީ ރައީސް ކަމަށެވެ. އަދި ރައީސް އެފަދަ ނިންމުމެއް ނިންމަވާފައިވާކަން އިއުލާންކުރައްވާފައި ނުވަނީސް ޕީޖީ ނުވަތަ ދަށު މަރުހަލާގެ ކޯޓަކަށް އެފަދަ ގަރާރަށް ނުސީދާކޮށް ބަދަލު ގެނެވިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މަނިކުފާނުގެ ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު މާފުށީ ޖަލަށް ބަދަލުކުރުމަށްފަހު އެތަނުގައި ބަހައްޓާފައި ހުންނަނީ އެހެން އެއްވެސް އިންސާނެއް ނުފެންނަ ގޮތަށް ސޮލިޓަރީ ކޮންފައިންމެންޓްގައި ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު ބަންދުކޮށްފައި ހުންނަ ތަނަށް އެހެން އެއްވެސް އިންސާނެއްގެ އަޑުވެސް އިވިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެއީ އެންޓި ޓޯޗާ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ޓޯޗާގެ އަމަލެއް ކަމަށް ވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެ މަނިކުފާނު އެގޮތަށް ބަންދުކޮށްފައި ވަނީ ގަސްދުގައި އުއްތަމަ ފަނޑިޔާރަށް އަނިޔާދިނުމުގެ ނިޔަތުގައި ހިންގާ ލާއިންސާނީ އަމަލަކަށްވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި އެމަނިކުފާނާ މެދު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ސަރުކާރަށް އިލްތިމާސްކުރާ ކަމަށް ވަކީލުން ވިދާޅުވެފައިވެ އެވެ.
އެ ބަޔާނުގައި ވަނީ ގާނޫނު އަސާސީން އާއި ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި އިމްތިޔާޒުތަކަށް އިހުތިރާމްކޮށް، އުއްތަމަ ފަނޑިޔާރު ވަގުތުން ދޫކޮށްލަން ވެސް ގޮވާލައިފަ އެވެ.