28 މާޗް 2018 - 16:54

ބޫޓާނާ ދެކޮޅަށް ރޭ ގައުމީ ޓީމު ކުޅުނު މެޗަކީ އަލީ އަޝްފާގް (ދަގަނޑޭ) ގެ ފަހު މެޗު ކަމަށް އޭނާ ބުނެފައިވާ ކަމަށާއި ޝަރަފުވެރިކަމާ އެކު ބައިނަލްއަގްވާމީ ފުޓްބޯޅައަށް އަލްވަދާއު ކިޔުމުގެ ފުރުސަތު އޭނާ އަށް ލިބެން ޖެހޭނެ ކަމަށް ދަގަނޑޭގެ ބޭބެ އަހުމަދު އަޝްފާން (އަޝްކޮ) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރޭ ބޫޓާން އަތުން 7-0 އިން ރާއްޖެ މޮޅުވި މެޗުގައި ކުޅުމުގެ ފުރުސަތު ދަގަނޑޭ އަށް ގެއްލުނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ކަމަށް ބުނެ ކޯޗު ޕީޓާ ސެގާޓް އޭނާ ޓީމުން ވަކިކުރުމުންނެވެ.
ދާދި ފަހުން ގައުމީ ޓީމާ ހަވާލުވި ސެގާޓް މިވަރުގެ އަދަބެއް ދަގަނޑޭ އަށް ދިނީ ދިވެހި ފުޓްބޯޅައިގެ އާ ޖީލުގެ ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގައި ދަގަނޑޭ ލީޑަރަކަށް ހަދަން ބޭނުންވާ ކަމަށާއި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނިތާ މާގިނަ ދުވަސްތަކެއް ނުވަހީނެވެ.
މިކަންތައްތަކާ ގުޅިގެން ދަގަނޑޭގެ ދިފާއުގައި އަޝްފާން ބުނީ ގައުމީ ޓީމަށްޓަކައި އޭނާ އެތައް ގުރުބާނީތަކެއްވައިވަނިކޮށް ޓީމުން ބޭރުކޮށްލީ ހަމަ ހުރެ ބަހައްޓާފައި ކަމަށެވެ.
"އަލީ އަޝްފާގަކީ ދިވެހިރާއްޖެ ދުށް އެންމެ ޑިސިޕްލިން ރަނގަޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ. އޭނާ އަށް ނޫސްވެރިންގެ ބައްދަލުވުމަށް ދެވެން ނެތް ކަމަށް ބުނުމާ އެކު ކޯޗު އެގޮތަށް ޑިޒިޝަން ނެގުމަކީ ހަމަޖެހޭ ގޮތެއް ނޫން."
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ދަގަނޑޭއާ އެއްކޮށް ގައުމީ ޓީމަށް ކުޅުނު އަޝްފާން ބުނީ ގައުމީ ޓީމަށް ދަގަނޑޭގެ ހިތުގައި އޮންނަ ގަދަރެއް މި ކޯޗަށް ނޭގޭނެކަން ޔަގީންކަމަށެވެ. އަދި މިކަންތައްގަނޑުގެ ކުރިން ވެސް ދަގަނޑޭ ޓީމުން ބޭރުކުރަން ބޭނުންވި ބަޔަކު ތިބި ކަމަށް އޭނާ ތުހުމަތުކުރި އެވެ.
"ކޮންމެ ގޮތަކަށް ކަންތައްތައް ހިނގާފައި އޮތަކަސް ޝަރަފްވެރިކަމާ އެކު ބައިނަލްއަގްވާމީ ފުޓްބޯޅައަށް އަލްވަދާއު ކިޔުމުގެ ފުރުސަތު އަޝްފާގަށް ހައްގުވޭ. އޭނާ އަހަރެން ގާތު ބުނި މިއީ އޭނާގެ ފަހު މެޗޭ. އަހަރެން އުއްމީދުކުރަން އާއްމުން އޭނާގެ ފަހަތުގައި ތިބޭނެ ކަމަށް، ސަބަބަކީ އޭނާ އަކީ މި ގައުމުގެ އެންމެންގެ ހިތްތަކުން ޖާގަ ހޯދާފައިވާ މި ގައުމުގެ ތަރިކައަކަށްވާތީ،" އަޝްފާން ބުންޏެވެ.
އަނިޔާގެ ސަބަބުން މިދިޔަ ދެ އަހަރެއްހާ ދުވަހު ދަގަނޑޭ ހުރީ ގައުމީ ޓީމާ ދުރުގަ އެވެ. އަދި އޭނާގެ ބަދަލުގައި އެރި ޒުވާން ކުޅުންތެރިން ވަނީ ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފަ އެވެ. އެއާ އެކު ދަގަނޑޭ އަށް ބަރޯސާވުން ގައުމީ ޓީމުން ކުޑަކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ.
އެކަމަކު އިންޑިއާގެ އައިޒޯލް ކޮޅަށް ނިއު ރޭޑިއަންޓުގެ ޖާޒީގައި ދަގަނޑޭ މިދިޔަ ހަފުތާގައި ހެޓްރިކް ހެދި މެޗު ބެލުމަށް ފަހު ކޯޗު ވަނީ ދަގަނޑޭ އަށް ތައުރީފް އޮއްސާލައި އޭނާ އަށް ސަމާލުކަން އަނެއްކާ އަނބުރާލައިފަ އެވެ.
އެ މެޗަށް ފަހު ސެގާޓް ބުނީ އުފާވަނީ ހަމައެކަނި ދަގަނޑޭ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެއް ނޫން ކަމަށާއި އޭނާ މާޒީގައި ދިވެހި ފުޓްބޯޅައަށް ކޮށްދީފައިވާ ހިދުމަތްތަކަށް އޭނާ އަށް އިހުތިރާމްކުރާ ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕުގެ އިތުރުން އެޔަށް ވުރެ ދުރަށް ވެސް ދަގަނޑޭ އަކީ ޓީމުގެ ލީޑަރަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައިވެ އެވެ.