ބިދޭސީންގެ ޕެންޝަނާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފި
ބިދޭސީންގެ ޕެންޝަނާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފި

ބިދޭސީން ރާއްޖެ ދޫކޮށް ދާއިރު، އެ މީހުންގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ލިބޭ ގޮތަށް ބިދޭސީންގެ ޕެންޝަނާ ބެހޭ ގަވާއިދަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ޕެންޝަން އޮފީހުން މިއަދު އާއްމުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުގައި، ޕެންޝަން ދޭން ހަމަޖައްސާފައިވާ އުމުރުގެ ކުރިން ރާއްޖެ ދޫކޮށް ދާން ޖެހިއްޖެނަމަ، ދައުލަތުގެ މުވައްޒަފުންނަށް އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ރިޓަޔަމަންޓް ސޭވިން އެކައުންޓަށް ޖަމާކުރާ ފައިސާ ފިޔަވައި، އެ ބިދޭސީ މުވައްޒަފެއްގެ ރިޓަޔަމަންޓް ސޭވިން އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ދޭންޖެހޭނެ އެވެ.

އެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ނަމަ، ޖެނުއަރީ 1، 2015 އިން ފެށިގެން ޕެންޝަން ފަންޑުގައި ބައިވެރިވާ މުވައްޒަފުންނާއި ޖުލައި 1، 2016 ގެ ފަހުން އެ ފަންޑުގައި ބައިވެރިވެފައިވާ ބިދޭސީން ރާއްޖެ ދޫކޮށް ދިޔަ ކަމުގައި ވިއަސް ފެންޝަން ފަންޑުގައި ހުރި ފައިސާ ލިބޭނީ 65 އަހަރުވުމުންނެވެ.

ރާއްޖެެ އިން ދިއުމުގެ ތިން މަސް ކުރިން، ޕެންޝަން ފައިސާ ހޯދަން ފޯމު ހުށަހަޅަންޖެހޭނެ އެވެ. އަދި ފޯމު ހުށަހަޅާތާ 45 ދުވަސް ތެރޭގައި ފައިސާ ޖަމާ ކޮށްދޭންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.

ޕެންޝަންގެ ގާނޫނު ތަންފީޒުކުރަން ފެށިއިރު އެ ސްކީމުގައި ބިދޭސީން ބައިވެރިވުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް ފަހުން ވަނީ އެއީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. މިހާތަނަށް 6699 ބިދޭސީން ޕެންޝަން ސްކީމުގައި ބައިވެރިވެ ފައިސާ ދައްކާފައި ވެ އެވެ.