30 މާޗް 2018 - 08:17

ފޫޓުފީތާއަކީ ދިގުކޮށް ދަމާލެވޭ ގޮތަށް އޮންނަ އެއްޗެކެވެ. އާންމުކޮށް ފޫޓުފީތާއިން މިން ނެގެނީ ހުރަހަށާއި ދިގަށް ސުރެންސުރެން ހުންނަ އެއްޗިއްސެވެ. އެކަމަކު "މޯޝަ ވަން" އަކީ މުޅިން ތަފާތު ފޫޓުފީތާއެކެވެ.
މި ފީތާއިން މިން ނޭޅޭނެ ތަނެއް، އެއްޗެއް ނެތެވެ. ގޭގެ އެއް ބިތުން އަނެއް ބިތަށް ހުރި ދިގުމިން ބަލަންވިޔަސް، ބޮޑުކޮޓަރިއަށް އަލަށް ގެންނަ ސޯފާގޮނޑީގެ ބޮޑުމިން ބަލަން ވިޔަސް، ބަދިގޭ ކައުންޓަރުމައްޗަށް ގެންނަ މިކްސަރު ބަހައްޓާނެ ޖާގަ ހޯދާލަން ވިޔަސް މި ފޫޓުފީތާއިން އެއްވެސް މައްސަލައެއް ނުޖެހި މިން ނެގެއެވެ. މި ފީތާއިން ހަމައެކަނި ބަލައިދެނީ ދިގުމިނާއި ފުޅާމިނެއް ނޫނެވެ. ތަށިތަށްޓަށް އެއްޗެހި އެޅޭނެ މިންވަރުވެސް ވަޒަންކުރެވެއެވެ.
މޯޝައިން 1000 ފޫޓު އުސްމިނާ ހަމައަށް ދިގުމިން ބަލައިދެއެވެ. އަދި 360 ޑިގްރީގެ ވަށަމިން ބަލައިލެވެއެވެ. މޯޝަން ސެންސަރު ބޭނުންކޮށްގެން މި ފީތާއިން ކޮންމެ އެއްޗެއްގެ ވެސް މިން ބެލެން ހުރެއެވެ. މޯޝަ ފީތާ ބޭނުންކުރެވޭނީ މީގެ ސްމާޓްފޯން އެޕް ބޭނުންކޮށްގެންނެވެ. އެޕް ޖައްސާލުމަށް ފަހު މިން ނަގަން ބޭނުންވާ ގޮތެއް އިޚުތިޔާރުކުރުމުން ދެން ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު އެޕް މެދުވެރިކޮށް ލިބެމުންދާނެއެވެ.
މޭޒެއްގެ ދިގުމިން ބަލަން ބޭނުން ނަމަ މޭޒުގެ އެއްކޮޅުން އަނެއް ކޮޅަށް ފީތާ ދަމާލަނީއެވެ. ފާރެއްގެ ބޮޑުމިން ބަލާނީ ފާރުގެ އެއްކޮޅުގައި ފީތާ ޖައްސާލުމަށް ފަހު ނަގައި ގެންގޮސް އަނެއް ފަރާތުގައި ޖައްސާލައިގެންނެވެ. އެ ދޭތެރޭގެ ދިގުމިން މޯޝަން ސެންސަރުގެ އެހީގައި މޯޝަ ފީތާގެ އެޕުން އަންގައިދޭނެއެވެ. ފޮށްޓަކަށް ތަކެތި އެޅޭނެ މިންވަރު ވަޒަންކުރާނީ ފޮށީގެ އެއް ކަނުގައި ޖައްސާލުމަށްފަހު އޭގެ އަނެއް ފަރާތުން ކަނުގައި ޖައްސާލައިގެންނެވެ. އެޕް މެދުވެރިކޮށް ފޮށީގެ ވޮލިޔުމް ބަލައިލެވޭނެއެވެ.
މޯޝަރ ފަރުމާކޮށްފައިވަނީ ފެނަށް، ހިރަފުހަށް ނުވަދެވޭހާ ވަރުގަދަކޮށެވެ. ޗާޖުކޮށްގެން 500 ފަހަރު މިން ނެގޭނެއެވެ. މިއީ ހަ ފޫޓު މަތިން ކޮންކްރީޓްގަނޑަކަށް ވެއްޓުނަސް ހަލާކުނުވާނެކަމުގެ ޔަގީންކަން މި އުފެއްދި ކުންފުނިން ދެއެވެ.