ޔަމަނަށް ސިޔާސީ ހައްލެއް ހޯދަން އދ. އިން ގޮވާލައިފި
ޔަމަނަށް ސިޔާސީ ހައްލެއް ހޯދަން އދ. އިން ގޮވާލައިފި

ޔުނައިޓެޑް ނޭޝަންސް (މާޗް 28) - ޔަމަނުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ގޮވާލައްވައިފި އެވެ.

"ޔަމަނަށް ކުރިމަތިވެފައިވާ އިންސާނީ ހާލަތަށް އެހީތެރިކަން ފޯރުކޮށްދީގެން މައްސަލަ އަށް ހައްލެއް ނެތް،" ބޭނުން ވަނީ ސިޔާސީ ހައްލެއް،" ގުޓަރޭޒް ވިދާޅުވި އެވެ.

ސައުދީ އަރަބިއާ އިން ވަނީ ޔަމަނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން 930 މިލިއަން ޑޮލަރުގެ ޗެކެއް އދ. އަށް ހަވާލުކޮށްފަ އެވެ. ސައުދީގެ އެ އެހީ އަށް ގުޓަރޭޒް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޔަމަނުގެ ހަނގުރާމަ ހުއްޓާލުމަށް އެކި ފަރާތްތަކުން ގޮވާލަމުން ދާއިރު ސައުދީ ކޯލިޝަނުން ދޭ ވައިގެ ހަމަލާތަކުގައި އާއްމުންގެ ގިނަ ބަޔަކު މަރުވަމުން ދާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ދަނީ ސައުދީ އަރަބިއާ އަށް ފާޑުކިޔަމުންނެވެ. އެކަމަކު ރިޔާޒުން ބުނަނީ ކޯލީޝަނުން ހަމަލާ ދޭ އިރު އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހްތިރާމް ކުރާ ކަމަށެވެ.

ޔަމަނުގެ ހަނގުރާމަ ހުއްޓާލުމުގައި އާ މަސައްކަތްތަކެއް ކުރަން އދ. އިން ވަނީ ނިންމައިފަ އެވެ. ޔަމަނުގެ ހަނގުރާމައިގައި މިހާތަނަށް ވަނީ 10،000 މީހުން މަރުވެފަ އެވެ. ޔަމަނުގެ 22 މިލިއަން މީހުންނަށް އެހީ ބޭނުންވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.