ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ
ޕީޕީއެމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަނީ

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ދެ ފަޅިވެފައިވާ ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.

އެ ބައްދަލުވުން މިރޭ 9:00 ގައި ޕާޓީ އޮފީހުގައި ބާއްވަން ހަމަޖައްސައި މިހާރު ވަނީ ކައުންސިލް މެމްބަރުންނަށް ދައުވަތު ފޮނުވައިފަ އެވެ. ބައްދަލުވުމަށް ވަޑައިނުގެންނެވޭ ނަމަ މިއަދު ހަވީރު 5:00 ގެ ކުރިން ޕާޓީ އޮފީހަށް އަންގައިދޭން ވެސް ވަނީ އެދިފަ އެވެ.

ޕީޕީއެމްގެ ރައީސް ރިޔާސަތު ބަލަހައްޓާ ކައުންސިލްގައި ތިއްބަވަނީ ޖުމްލަ 33 މެމްބަރުންނެވެ. އަސާސީ ގަވާއިދު ބުނާ ގޮތުން ގާނޫނު އަސާސީ އާއި ޕާޓީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ސިޔާސަތު ކަނޑައެޅުމާއި ޕާޓީ ހިންގުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.

ދުވަސްތަކަކަށް ފަހު ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މި ބާއްވަނީ އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކާ މެދު ވާހަކަ ދައްކަން ބައްދަލުވުމެއް ބާއްވަން ޕާލަމެންޓްރީ ގްރޫޕުން އެދިފައި ވަނިކޮށެވެ. ޕާޓީގެ ހުރިހާ ބާރުތައް ރައީސް މައުމޫން ނަންގަވާފައިވާތީ، އެ ޕާޓީގެ ތެރޭގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ބައެއް މެމްބަރުން ސިފަކުރައްވާ ގޮތުގައި ރައީސް މައުމޫން އުޅުއްވަނީ "ޕީޕީއެމް ހައިޖެކްކުރައްވައިގެން"ނެވެ.

މައުމޫނާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު މައްސަލަގާއި އެދުނު އަމުރެއް ކޯޓުން ނުނެރެދިނެވެ.

މައުމޫން ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޕާޓީގެ ހިންގުން ހަރުދަނާކުރަން އެމަނިކުފާނު އިސްލާހީ އެޖެންޑާއެއް އެކުލަވާލައްވަން ޖެހުނީ އަސާސީ ގަވާއިދާ ހިލާފަށް އެތައް ކަމެއް ރައީސް ޔާމީން ފެކްޝަންގެ ބޭފުޅުން ހިންގަވައި ޕާޓީ ބޮއްސުންލުމުންނެވެ.