03 ޖޫން 2016 - 07:55

މައިގްރެއިންގެ ވޭނާ ކުރިމަތިވާ އަންހެނުންނަށް ހިތުގެ ބައްޔާއި ސްޓްރޯކްގެ ނުރައްކާ ކުޑަ ތަންކޮޅެއް އިތުރުވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
"ހިތުގެ މައްސަލަތައް ކުރިމަތިވުމަށް އޮންނަ ފުރުސަތަކީ ކޮބައިތޯ ބަލާއިރު މައިގްރެެއިން ހުންނަ މީހެއްތޯ ބަލަންޖެހޭ. އަންހެނެއް ނަމަ ހާއްސަކޮށް މިކަމަށް ސަމާލުކަން ދޭންޖެހޭ،" ޖަރުމަންގެ ޗެރިޓީ-ޔުނިވަސިޓެޓްސްމެޑިޒިންގެ އިންސްޓްޓިއުޓް އޮފް ޕަބްލިކް ހެލްތު ޑރ. ޓޮބިއަސް ކާޓް ވިދާޅުވެފައިވެ އެވެ.
އެ ޔުނިވަސިޓީގެ ރިސާޗަރު ކާޓް ވިދާޅުވެފައި ވަނީ މިއީ މައިގްރެއިން އަކީ ހިތުގެ ބަލި ޖައްސާ ކަމެއްކަން ސާބިތުވާ ދިރާސާއެއް ނޫން ކަމަށެވެ. އެކަމަކު މައިގްރެއިން ހުންނަ ނަމަ ހިތުގެ ބަލީގެ ނުރައްކާ ކޮންމެވެސް ވަރަކަށް އިތުރުވާ ކަމަށް ދިރާސާއިން ދައްކާ ކަމަށާއި އެކަން އިތުރަށް ބަލަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މައިގްރެއިން އަކީ ބައެއް ވަސްތަކާއި އަލި އަދި ބައެއް ކާނާގެ ސަބަބުން ވަރަށް ގަދަޔަށް ބޮލުގައި ރިއްސައި ހޮޑުލެވުމަށް މެދުވެރިކުރުވާ، ވޭން ހުރި ކަމެކެވެ. މައިގްރެއިންއާ ސްޓްރޯކާ ގުޅުން ހުރި ކަމަށް ކުރީގެ ބައެއް ދިރާސާތަކުން ވެސް ވަނީ ދައްކައިފަ އެވެ. ނަމަވެސް އާ ދިރާސާއިން ދައްކަނީ މިއީ ހިތުގެ އޮޕަރޭޝަންތައް ކުރަންޖެހޭ ފަދަ ހިތުގެ ބަލިތައް ވެސް މެދުވެރިކުރުވަފާނެ ކަމެއް ކަމަށެވެ.
"އަންހެނުންނަށް ހިތުގެ ބަލިތަކުގެ ނުރައްކާ އޮންނަ މިންވަރު ވަޒަންކުރުމުގައި ޑޮކްޓަރުން ޖެހޭނެ އެ މީހެއްގެ މައިގްރެއިންގެ މައްސަލަ ހުރި މިންވަރަށް ވެސް ރިއާޔަތްކުރަން،" ޑރ. ކާޓް ވިދާޅުވެފައިވެ އެވެ.
މި ދިރާސާކުރުމަށް، އެމެރިކާގެ 116000 އަންހެނެއްގެ ސިއްހީ މައުލޫމާތު 1989 އިން 2011 އަށް ބަލާފައިވެ އެވެ. ދިރާސާގައި ބައިވެރިކޮށްފައި ވަނީ އުމުރުން 25 އަހަރާއި 42 އަހަރާ ދެމެދުގެ މީހުންނެވެ. ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން 15 ޕަސެންޓް މީހުންނަކީ މައިގްރެއިންގެ އުނދަގުލާ ކުރިމަތިވާ މީހުންނެވެ. ދިރާސާގެ 20 އަހަރުގެ މުއްދަތުގެ ތެރޭގައި 1300 މީހަކަށް ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހިފައިވެ އެވެ. އޭގެ ތެރެއިން 223 މީހަކު ވަނީ މަރުވެފަ އެވެ.
ހާޓް އެޓޭކާއި ސްޓްރޯކް ޖެހުނު މީހުންނަށް ބަލާއިރު، މައިގްރެއިން ހުރި މީހުންނަށް ސްޓްރޯކާއި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އަދި އޯޕަން ހާޓް ސާޖަރީއެއް ހަދަން ޖެހުމުގެ ފުރުސަތު މައިގްރެއިން ހުރި މީހުންނަށް 50 ޕަސެންޓް އިތުރު ކަމަށް ދެއްކި އެވެ.
ބީއެމްޖޭ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ މައިގްރެއިން ހުންނަ ނަމަ ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހިގެން މަރުވުމަށް އޮންނަ ފުރުސަތު 37 ޕަސެންޓް އިތުރު ކަމަށެވެ.