28 މާޗް 2018 - 15:31

އަަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަން ކަނޑައަޅާފައިވާ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތަކަކަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕްގެ ބައެއް ގައުމުތަކަށް އިއްޔެ ފުރާވަޑައިގެންނެވި އެވެ.
ޓެރަރިޒަމްގެ ކުށުގައި ޖަލު ބަންދުގައި ހުންނެވުމަށް ފަހު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު ޔޫރަޕަށް ފުރާވަޑައިގަތީ، ސްރީ ލަންކާ އިންނެވެ. އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު އެ މަނިކުފާނު ޕާޓީގެ މަސައްކަތްތައް ގިނަ އިން ކުރައްވަނީ، ސްރީ ލަންކާގަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ނަޝީދުގެ ދަތުރުފުޅުގައި، ޖަރުމަނު ވިލާތާއި ސްވިޒަލޭންޑާއި ޑެންމާކަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަޝީދު ޖަރުމަނަށް ވަޑައިގަންނަވާ އިރު، ރިޝްވަތުގެ ކުށުގައި ތިން އަހަރުގެ ހުކުމެއް އިއްވުމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް އަމިއްލަ އަށް އަރުވާލެއްވިގެން މިހާރު ހުންނެވީ އެ ގައުމުގަ އެވެ.
ޔޫރަޕްގެ ގައުމުތަކަށް ވަޑައިގެން، އެ ގައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. މި ބައްދަލުވުންތަކުގައި، ރާއްޖޭގެ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި، ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނީ ސިޔާސީ އެކި ތުހުމަތުތަކުގައި ޖަލުގައި ބަންދުކޮށްފައިވާ މީހުން މިނިވަންކުރަން، އެ ގައުމުތަކަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކަށް ނަޝީދު ވަޑައިގެންނެވި އިރު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަމަލުތަކާ މެދު ހިތްހަމަނުޖެހި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައި، ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ހުރަސް އެޅޭ ގޮތަށް ކޮށްފައިވާ ގިނަ ކަންކަން އިސްލާހުކުރަން ފުރުސަތު ދީ، އެ ކަންކަން ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
އެ ގަރާރުގައި ފިޔަވަޅު އަޅަން ހުށަހަޅާފައި ވަނީ، ސަރުކާރުގެ ބައެއް އިސް ވެރިންނާއި، ސަރުކާރަށް އެހީތެރިވަމުންދާ ވިޔަފާރިތަކަށެވެ.
ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތަކަށް ނަޝީދު ފުރާވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ވަނީ ގެއްލިފަ އެވެ. އެ މަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އިންތިހާބުގައި ރައީސް ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން އެ މަނިކުފާނު ބަލިކުރައްވާނެ ކަމަށެވެ.