31 ޖުލައި 2016 - 07:37

ރާއްޖެއިން ބޭރަށް ކުރާ ދަތުރެއް ފުރިހަމަކޮށްލަން ސްޓާބަކްސްގެ ކޮފީއެއް ބޯލުމަކީ އަހަރެމެންގެ އާދައަކަށް ވަނީ ވެފަ އެވެ. މި ކޮފީހައުސްގެ އެކި ވައްތަރުގެ މީރު ކޮފީތަކުގެ އިތުރުން ކޮފީ ސާވްކުރަން ތިބޭ ހީވާގި ބަރިސްޓާޒް ވެސް އެއީ ހާއްސަ ބައެކެވެ.
ސްޓާބަކްސްގެ ބަރިސްޓާޒް އަބަދުވެސް ލައިގެން ތިބެނީ ފެހި އޭޕްރަން އަކާއި ހުދާއި ކަޅުގެ ވަރަށް ސާދާ ޓީޝާޓެއް ނުވަތަ ފަޓުލޫނެކެވެ. މިދިޔަ ހަފުތާގައި ސްޓާބަކްސް އިން ވަނީ އެ ކޮފީހައުސްގެ ބަރިސްޓާޒް އަށް އާ ޑްރެސް ކޯޑެއް ހަމަޖައްސައިފަ އެވެ. އެއް ވައްތަރަކަށް ހުންނަ ޔުނިފޯމެއްގެ ބަދަލުގައި ބޭނުން ވައްތަރެއްގެ ޓީޝާޓެއް ނުވަތަ ގަމީހެއް ލެވިދާނެ އެވެ. އަދި ބޭނުން ނަމަ ބޮލުގައި ތޮއްޕެއް ނުވަތަ ބީނީއެއް ވެސް އަޅާލެވިދާނެ އެވެ. މީގެ އިތުރުން ބަރިސްޓާޒް ބޭނުން ނަމަ އިސްތަށިގަނޑުގައި ކުލައެއް ޖައްސާލުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ. އާދައިގެ ޓައީ، ބޯ ޓައީ ނުވަތަ ސްކާފެއް ކަރުގައި އައްސާލެވިދާނެ އެވެ. އެމީހެއްގެ އަމިއްލަ ސްޓައިލް ދައްކާލުމުގެ ފުރުސަތު ސްޓާބަކްސްގެ މުވައްޒަފުންނަށް މިހާރު ލިބިއްޖެ އެވެ.
ނަމަވެސް މަޖުބޫރު އުސޫލުތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. ކޮންމެ ކުލައެއްގެ ހެދުމެއް ނުލެވޭނެ އެވެ. ނޫ، އަޅި އަދި މުށި ކުލައިގެ މައްޗެއް ލެވިދާނެ އެވެ. ފަޓުލޫނު ނުވަތަ ސްކާޓު ހުދު ކުލާގައި ނުބެހެއްޓޭނެ އެވެ. އަޅި، ކާކީ އަދި ނޫ ފަދަ ކުލަތަކުން ލެވިދާނެ އެވެ. މައްޗާއި ތިރި، ތޮފި އަދި ބޫޓު ހުންނަން ޖެހެނީ ޑީސަންޓު ސާދާ ސްޓައިލަކަށެވެ. މީގެ އިތުރުން ސާފު ތާހިރުކަން މަޖުބޫރެވެ.
ސްޓާބަކްސްގެ ޑްރެސް ކޯޑު ކެޝުއަލް ސްޓައިލަކަށް ފުރަތަމަ ބަދަލުކުރީ 2014ގަ އެވެ. ގަހަނާއެއް އެޅިދާނެ ކަމާއި ދަށަށް ނުޖަހާ ގަމީސް ބެހެއްޓޭނެ ކަމާއި ސޯޓާއި ސްކާޓު ލެވޭނެކަމަށް އޭރު ނިންމި އެވެ.
ފަހަކަށް އައިސް ގިނަ ކުންފުނިތަކުގައި މުވައްޒަފުން އެހާ ރަސްމީ ނޫން ހެދުން ލައިގެން މަސައްކަތަށް އައުމުގެ ފުރުސަތު ދަނީ ދެމުންނެވެ. އަގު ބޮޑު ރަސްމީ އަދި އެއާ އެކު މަސައްކަތް ކުރަން އުނދަގޫ ސްޓައިލުތަކުގެ ހެދުމުގެ ބަދަލުގައި ގިނަ ޒުވާނުން އެދެނީ ލައިގެން އުޅެން ފަސޭހަ ހެދުމަށް ބަދަލުކޮށްލާށެވެ. މާކް ޒަކާބާގް ފަދަ މަޝްހޫރު ހީވާގި ޒުވާން ލީޑަރުން ލަނީ އާދައިގެ ޓީޝާޓެކެވެ. ސޫޓާއި ފަޓުލޫނެއް ނޫނެވެ.
އެމެރިކާގެ ކުންފުނިތަކަކަށް ބިނާކޮށް ކުރި ދިރާސާއަކުން ހާމަވިގޮތުގައި، ފަސް އަހަރު ކުރިން މުވައްޒަފުން ހެދުން އެޅި ގޮތާއި މިހާރު ވަރަށް ތަފާތެވެ. ގިނަ މީހުން ރަސްމީ ހެދުން ސްޓައިލްތަކުގެ ބަދަލުގައި ކެޝުއަލް ސްޓައިލަކަށް ހެދުން ލާކަން ފާހަގަވި އެވެ. ރަސްމީކޮށް ހެދުން އަޅަން ބޭނުންވަނީ މުވައްޒަފުންގެ ތެރެއިން އެންމެ 18 ޕަސެންޓް މީހުންނެވެ. އަދި 31 ޕަސެންޓް ބޭޏުންވަނީ ބިޒްނަސް ކެޝުއަލް ސްޓައިލަކަށެވެ. މީގެ އިތުރުން 27 ޕަސެންޓް މީހުން ބޭނުންވަނީ ކެޝުއަލްކޮށް ނުވަތަ އެއްވެސް ޑްރެސް ކޯޑެއް ނެތުމެވެ. ވަކި ގޮތަކަށް ހެދުން އަަޅަން ބޭނުން ނުވާ މީހުންގެ ނިސްބަތަކީ 23 ޕަސެންޓެވެ.
ވަޒީފާ ދޭއިރު ގިނަ ކުންފުނިތަކުން މިހާރު ބަލަނީ އެ މީހަކު ހެދުން އަޅާ ގޮތަކަށެއް ނޫނެވެ. ނަމަވެސް، އެ މީހެއްގެ އަހުލާގާއި މަސައްކަތްތެރިކަމަށެވެ. ހާއްސަކޮށް ސްޓާބަކްސް ފަދަ ކުންފުނިތަކުން ކެޝުއަލް ޑްރެސް ކޯޑެއް ގެންގުޅުމުން، މުވައްޒަފުން ފަސޭހައިން ލިބިފައި ކަސްޓަމަރުންނާއި ބެރިސްޓާޒްގެ މުއާއްމަލާތަށް ފަސޭހަވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.