28 މާޗް 2018 - 11:47

ގައުމީ ފުޓްބޯޅަ ޓީމަށް އިއްޔެ ކުޅުން ހުއްޓާލި އަސްހަދު އަލީ (އަޑުބަރޭ) ގެ ކިބައިން މައާފަށް އެދޭ ކަމަށާއި އޭނާ އެނބުރި އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.
އަޑުބަރޭ އިއްޔެ ކުލި ގޮތަކަށް ކުޅުން ހުއްޓާލި ސަބަބެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އަޑުބަރޭ އެގޮތަށް ނިންމީ އޭނާ އަތުން ކެޕްޓަން ބޭންޑް ނެގުމުންނެވެ. އަލީ އަޝްފާގް (ދަގަނޑޭ) ގެ ބަދަލުގައި ކެޕްޓަންކަން ކުރަމުން އަންނަ އަޑުބަރޭ ވެގެންދާނީ ދާއިމީ ކެޕްޓަނަށް ކަމަށާއި ވައިސް ކެޕްޓަނަކަށް ވާނީ އަކްރަމް އަބްދުލްގަނީ ކަމަށް އަޑުބަރޭ ގާތު ކޯޗު ބުނެފައިވާ ކަމަށްވެ އެވެ. އެކަމަކު ފަހު ވަގުތު ކޯޗު ވަނީ ކެޕްޓަނަކަށް އަކްރަމް ހަމަޖައްސައިފަ އެވެ.
ރޭ ބޫޓާން އަތުން 7-0 އިން މޮޅުވި މެޗަށް ފަހު ކޯޗު ބުނީ އަޑުބަރޭ އަކީ އޭނާ ވަރަށް ގަޔާވާ އަދި އިހުތިރާމް ކުރާ ކުޅުންތެރިޔެއް ކަމަށާއި އެކަމަކު އޭނާގެ ބަދަލުގައި އަކްރަމަށް ކެޕްޓަންކަން ދިނީ އަޑުބަރޭ މި އަހަރަށް ފަހު ކުޅުން ހުއްޓާލާތީ ކަމަށެވެ.
"އަޑުބަރޭ ހަމައެކަނި ކެޕްޓަނަށް ވެގެންދާނީ މި އަހަރު. އަހަރެން ބޭނުމެއް ނޫން ފަސް މަހަށް ފަހު ކެޕްޓަން ބަދަލުކުރަން. އެހެންވެ އަހަރެން ނިންމީ އަކްރަމަށް ކެޕްޓަންކަން ދޭން. ފަހަރުގައި އޭގައި އަހަރެންގެ ގޯހެއް ވެސް އޮވެދާނެ. (ސަބަބަކީ) ވަގުތު އޮވެގެން ނަމަ އަހަންނަށް އަޑުބަރޭއާ ގިނައިރު ވާހަކަދެއްކޭނެ އަދި އޭނާ މިފަދަ ޖަޒުބާތީ ނިންމުމެއް ނުނިންމުގެ ފުރުސަތު އޮތީ،" ކޯޗު ބުންޏެވެ.
ސެގާޓް ބުނީ އަޑުބަރޭ ނެތުމުގެ އަސަރު އޭނާ އަށްކޮށްފައިވާ ކަމަށާއި އަޑުބަރޭ އަކީ ތަފާތު މީހެއް ކަމަށާއި އަދި ތަފާތު ޝަހުސިއްޔަތެއް ވެސް ކަމަށެވެ.
"އަހަރެން އަޑުބަރޭގެ ކިބައިން މައާފަށް އެދެން. އަހަރެން އުއްމީދުކުރަން އޭނާ އެކަމާ ވިސްނާނެ ކަމަށް އަދި އޭނާ އެނބުރި އަންނާނެ ކަމަށް،" ސެގާޓް ބުންޏެވެ.
ކޯޗު ބުނީ މި މޮޅަކީ އަޑުބަރޭގެ އިތުރުން، ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން ޓީމުން ވަކިކޮށްފައިވާ އަލީ އަޝްފާގް (ދަގަނޑޭ) ގެ ވެސް މޮޅެއް ކަމަށާއި އެ ކުޅުންތެރިންނަކީ އަދިވެސް ޓީމުގެ ބަޔެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ މޮޅު ކުޅުންތެރިންނާ މެދު އަހަރެން ދެކޭ ގޮތް އެންމެ މޮޅަކާ އެކު ބަދަލެއް ނުވާނެ،" ކޯޗު ބުންޏެވެ.
ސެގާޓް ބުނީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ކުޅުންތެރިން މަދު ކަމަށާއި އެހެންވެ އެންމެން އެއްބައިވެގެން މަސައްކަތްކުރަން ޖެހޭނެ ކަމަށާއި އެކަމަކު އަހުލާގަކީ އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ.
"ކެޕްޓަން ނެގުމަކީ އަހަރެން ނިންމި ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު މިއީ އެންމެން ގަބޫލުކުރަން ޖެހޭނެ ނިންމުމެއް. އަހަރެމެން ޖެހޭނެ ދިވެހި ފުޓްބޯޅައިގެ ކުރިމަގު ކަމަށްވާ މި ކުޅުންތެރިންނަށް އިހުތިރާމްކުރަން. އަދި އެއާ އެކު އަޑޭ އާއި އަޝްފާގް މި ގައުމަށް ކޮށްދީފައިވާ ކަންތައް މަތިން ވެސް ހަނދާން ނައްތާލައިގެން ނުވާނެ،" ސެގާޓް ބުންޏެވެ.