29 މާޗް 2018 - 06:21

ބޮޑެތި ބަޖެޓްތަކުން ހަދާ ފިލްމްތައް މިހާރު އިންޑިއާގައި މަދެއް ނޫނެވެ. އޭގެ ތެރޭގައި "ބާހްބަލީ" އާއި އަދި ރިލީޒް ނުވާ، ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމް "2.0" ފާހަގަކޮށްލެވެ އެވެ. އެކަމަކު މި ފިލްމްތަކަކީ ބަތަލުން ލީޑް ކުރާ ފިލްމްތަކެވެ.

ދާދި ފަހުން ބޮޑު ބަޖެޓުން ހަދައިގެން، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ލޯބީގެ ފިލްމް "ޕަދްމާވަތު" އެވެ. ދީޕިކާ ޕަދްކޯން ޓައިޓްލް ރޯލް ކުޅުނު އެ ފިލްމްގެ ބަޖެޓަކީ 215 ކްރޯޑް ރުޕީސް އެވެ. ބޮކްސް އޮފީހުގައި ފިލްމަށް 500 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ.
އެހެންވެ "ޕަދްމާވަތު" ވެގެން ގޮސްފައި ވަނީ މިހާތަނަށް ބޮލީވުޑްގައި ބަތަލާއަކު ލީޑް ކުރި ފިލްމަކަށް، މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން ހެދި ފިލްމަށެވެ.
ސުވާލަކީ އެ ފިލްމްގެ ރެކޯޑް ބަޖެޓް މުގުރައިލާނީ ކޮން ފިލްމެއް ހެއްޔެވެ؟ ކޮން ބަތަލާއެއް ހެއްޔެވެ؟ ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ކަންނގަނާ ރަނާވަތު މިހާރު ކުޅެމުން އަންނަ ތާރީހީ ފިލްމް "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އަކީ ވެސް އާދައިގެ ފިލްމެއް ނޫނެވެ.
ކަންގަނާ މިހާރު ދައުވާކުރާ ގޮތުގައި އޭނާގެ ފިލްމްވެގެން ދާނީ ބަތަލާއަކު ހިމަނައިގެން މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން އިންޑިއާގައި ހަދާ ފިލްމަށެވެ. އެކަމަކު އޭނާ ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނަގާ "މަނިކަރްނިކާ" ގެ ބަޖެޓް ހާމަކޮށްފައެއް ނުވެ އެވެ. ކަންގަނާގެ އެ ވާހަކަތަށް ބަލާ އިރު، "ޕަދްމާވަތު" ގެ 215 ކްރޯޑް ރުޕީސްގެ ބަޖެޓް، އެ ފިލްމުން މުގުރާލައިގެން ނޫނީ ބަތަލާއަކު ކުޅޭ އެންމެ އަގު ބޮޑު ފިލްމަށް "މަނިކަރްނިކާ" ނުވާނެ އެވެ.
"ބަތަލާއަކު މިހާތަނަށް ކުޅެފައެއް ނުވާނެ މަނިކްރަނިކާ އަށް ހޭދަ ކުރާ ވަރުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެއް. އެއީ ޔަގީން ކަމެއް،" 31 އަހަރުގެ ބަތަލާ ބުންޏެވެ. "މަނިކަރްނިކާއަކީ މިހާރުގެ އެންމެ ބޮޑު ފިލްމަށް ވާނެ. މިއީ ހަމަ އެޕިކަކަށް ވާނެ."
ކްރިޝް ޑައިރެކްޓް ކުރާ "މަނިކަރްނިކާ" ގައި ކަންގަނާ ކުޅެނީ އިންޑިއާގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވުނު އަންހެން ވޮރިއާއެއް ކަމަށްވާ ރާނީ ލަކްޝްމީބާއީގެ ރޯލެވެ. މި ފިލްމްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ބާހްބަލީ" ލިޔުނު ކޭވީ ވިޖެންދަރް ޕްރަސާދު އާއި ޅެންވެރިޔާ ޕްރަސޫން ޖޯޝީ އެވެ.
ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ކަންގަނާއާ އެކު، ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ، ސޯނޫ ސޫދް، އަތުލް ކުލްކަރްނީ، ސުރޭޝް އޮބެރޯއީ އަދި ޖިއްޝޫ ސެންގުޕްތާ ފަދަ ތަރިން ހިމެނެ އެވެ.