29 މާޗް 2018 - 06:22

އޮސްކާ އެވޯޑް އިންތިޒާމް ކުރާ އެކެޑެމީ އޮފް މޯޝަން ޕިކްޗާޒް އާޓްސް އެންޑް ސައިންސް (އޭއެމްޕީއޭއެސް) ގެ ރައީސް ޖޯން ބެއިލީގެ މައްޗަށް ދާދި ފަހުން ތުހުމަތު ކުރި ޖިންސީ ގޯނާތަކުގެ މައްސަލަތަކުގައި އޭނާގެ މައްޗަށް، އެފަދަ އަމަލެއް ހިންގިކަން ސާބިތު ވާން ނެތް ކަމަށް އޮސްކާގެ މެމްބަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީން ނިންމައިފި އެވެ.
ކޮމިޓީން މި ގޮތަށް ނިންމި އިރު، ބެއިލީ މި ހަފުތާގައި އޭއެމްޕީއޭއެސްގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވަނީ އޭނާގެ ބޮލުގައި އަޅުވާފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ، އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި އެއީ އޭނާގެ 50 އަހަރުވީ ކެރިއަރު ހަލާކުކޮށްލަން ކޮށްފައިވާ ކަމެއް ކަމަށް ބުންޏެވެ.
ބެއިލީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ތިން މައްސަލައެއް މި މަހުގެ 13 ވަނަ ދުވަހު އޭއެމްޕީއޭއެސް އަށް ހުށަހެޅި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، އެތަނަށް ހުށަހަޅާފައި ވަނީ އެންމެ މައްސަލައެކެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ފިލްމެއްގެ ސެޓިންއަކަށް ކުރި ދަތުރެއްގައި ވޭނެއްގެ ތެރޭ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ކަމަށް ބުނެ އެވެ.
އޮސްކާގެ މެމްބަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޓީން މި މައްސަލަ ބެލުމަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ބެއިލީގެ ފަރާތުން އެއްވެސް މީހަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވާން ނެތް ކަމަށެވެ. އެހެންވެ އޮސްކާގެ ރައީސްގެ މަގާމުގައި ވެސް ބެއިލީ ދެމި ހުންނާނެ ކަމަށް ބުނެފައިވެ އެވެ.
"މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަހަރެމެން ކުރި މަސައްކަތުން ފާހަގަ ކުރެވުނީ އެއްވެސް އިރެއްގައި، އެއްވެސް މީހަކަށް ބެއިލީގެ ފަރާތުން ޖިންސީ ގޯނާގެ އަމަލެއް ހިންގާފައި ނެތްކަން،" ރިޕޯޓްގައި ބުންޏެވެ. "ތުހުމަތު ކުރި މައްސަލަ ސާބިތުވާ ވަރުގެ ހެކިތަކެއް ވެސް ނެތް ލިބިފައެއް. އަދި މިހާތަނަށް ބެއިލީ ފާހަގަ ކުރެވިފައި ވަނީ ވެސް ވަރަށް ޑިސިޕްލިން މީހެއްގެ ގޮތުގައި."
މިދިޔަ އަހަރުގެ އޮގަސްޓްފައި އޮސްކާގެ ރައީސްގެ މަގާމާ ހަވާލުވި އުމުރުން މިހާރު 75 އަހަރުގެ ބެއިލީއަކީ މަޝްހޫރު ސިނަމޮޓޯގްރާފަރެއް ވެސް މެ އެވެ. އޭނާ ކެމެރާކޮށްފައިވާ ފިލްމްތަކުގެ ތެރޭގައި އޭސް ގުޑް އޭސް އިޓް ގެޓްސް (1997)، ޗައިނާ މޫން (1994) އަދި ގްރައުންޑްހޮގް ޑޭ (1993) ފާހަގަކޮށްލެވެ އެވެ.