30 މާޗް 2018 - 08:15

ދިގު ދަތުރުކުރާއިރު ލާ އަންނައުނަކީ ދަތުރުގެ މުހިއްމު ބައެކެވެ. ހާއްސަކޮށް އެފަދަ ދަތުރުތަކަކީ ގޮތް ނޭނގޭ ނުވަތަ މޫސުން ކަށަވަރުނުވާ ތަންތަނަށް ކުރާ ދަތުރުތަކެއްނަމައެވެ. "ވޯލްބެކް" އަކީ މިފަދަ ދަތުރުތައް ކުރާ މީހުންނަށް އަމާޒުކޮށް މީގެ ކުރިންވެސް ގަމީހެއް އީޖާދުކުރި ބައެކެވެ. މިފަހަރު ވޯލްބެކްގެ އަމާޒަކީ މުޅި ދުނިޔެއެވެ. ދުނިޔޭގެ ކޮންމެ ތާކަށް ވެސް މި ގަމީސް ކަމުދާނެ އެވެ. ފިންޏަކަސް ގިންޏަކަސް މި ގަމީހުން މީހާ ނިވާކޮށްދެނީ އެމީހެއްގެ ހަށިގަނޑަށް އެންމެ ބޭނުންވާ މިންވަރަށެވެ.
ވޯލްބެކްގެ މިފަހަރުގެ އުފެއްދުމަށް ކިޔަނީ ވޯލްބެކް ޕްލެނެޓް އާތު ޝާޓެވެ. ނަމުންވެސް އެނގޭ ގޮތުގައި މިއީ ދުނިޔޭގެ ކޮންމެ ތާކު ވެސް ބޭނުންކުރެވޭނެ ގަމީހެކެވެ. ކިސަޑު ބިންތަކުން ފެށިގެން ހޫނުގަދަ ސަހަރާގެ ވެލީގެ ތޫފާންތަކާއި އަމާން ހިތްފަސޭހަ ވާދީތަކާއި ކާރޫބާރޫ ބޮޑު ސަހަރުތަކުގައި ދަތުރުކުރަން ވެސް މި ގަމީސް ފުދެއެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް ގަމީސް ލައިގެން ހުންނަ މީހާއަށް މި ގަމީހުން ރައްކާތެރިކަން ކަށަވަރުކޮށްދެއެވެ. މިފަހަރުގެ ގަމީހުގައި ހުންނަނީ ޑަބަލް ގިރުވާނެކެވެ. މި ގިރުވާނު ހިއްލާލުމުން ގަދަ އަވިންނާއި ވަލުތެރޭގެ ކުދި ސޫފާސޫފިން ރައްކާތެރިކަން ލިބެއެވެ. އަދި ކޮންމެ ފަދަ ހާލަތަކަށް ވެސް ފުދޭގޮތަށް ފަރުމާކޮށްފައިވާ ގަމީހަކަށްވާތީ މި ގަމީހުގައި ވައި ދައުރުކޮށްދޭނެ ހަތް ކެނޑުމެއް ވެސްވެއެވެ. މި ފަތިތަކުގައި ވަނީ ތުނި ލޯވަޅު އެޅި ފޮތިކޮޅެއް އަޅައިފައެވެ.
ބަލާބެލުމަށް ވޯލްބެކް ޕްލެނެޓް އާތު ގަމީހުގައި މާބޮޑު ތަފާތެއް ނެތެވެ. ގިރުވާނުން ފެށިގެން ތިރީ ފަސްބަޔާ ހަމައަށް ގޮށް އަޅުވަން ހުރެއެވެ. އެއްފަހަރާ ގިނަ ތަކެތި އުފުލަންޖެހޭތީ ޖީބުތައް ބައިވަރެވެ. ނަމަވެސް ދަތުރުމަތީގެ ގަމީސްތަކެކޭ އެއްގޮތަށް މި ގަމީސް ވެސް ފަރުމާކޮށްފައިވަނީ ގެއިން ނުކުތީއްސުރެ އެއާޕޯޓުން ގޮސް އެމީހެއްގެ ދަތުރުގެ މަންޒިލާ ހަމައަށް ވާސިލްވާއިރު ހަށްޓަށް ލުއިވާނެހެންނެވެ. އެކަމަކު މިގަމީހުގެ ތަފާތަކީ ގަމީސް ފަހާފައިވާ ފޮއްޗެވެ. ޕްލެނެޓް އާތު ގަމީސް ފަހާފައިވާ ފޮއްޗަކީ ފެނާއި ކިސަޑު ހަރުނުލާ ފޮއްޗެކެވެ. އަދި ބެކްޓީރިޔާ ވަނުމުގެ ފުރުސަތު ބަންދުކޮށްދިނުމުގެ އިތުރުން މި ގަމީހަކީ ތެމުނަސް އަވަހަށް ހިކޭ ޒާތުގެ ފޮއްޗަކުން ފަހާފައިވާ ގަމީހެކެވެ.
ފަހާފައިވާ ފޮތީގެ އިތުރުން މި ގަމީހުން ދެން ފާހަގަކޮށްލެވެނީ މި ގަމީހުގެ ކަނާތްފަރާތުން މޭމަތީގައިވާ ބޮޑު ޖީބެވެ. މި ޖީބަށް ސްމާޓްފޯނެއް ލެވޭނެއެވެ. ޖީބު ތެރޭގައި އޮންނަ ކުޑަ ޒިބު ހުޅުވާލުމުން ސިއްރު އެހެން ޖީބެއް ފާޅުވީއެވެ. މި ޖީބުގައި ރައްކާތެރިކަމާއެކު ޕާސްޕޯޓް ބާއްވާލެވޭނެއެވެ. ވައަތްފަރާތު ޖީބު ފަރުމާކޮށްފައިވަނީ އާންމުކޮށް ބޭނުންކުރާ އަތްމަތީ ސާމާނު ލެވޭނެ ކުޑަ ދަބަހެއްގެ ސިފައިގައެވެ.
ވޯލްބެކް ޕްލެނެޓް އާތު ގަމީސް ފަހާފައިވަނީ ވަރުގަދަ އުޔާއި ދެމޭ ޒާތުގެ ފޮއްޗަކުންނެވެ. އެހެންވެ، ފަސޭހައިން ހަފަރާތަށް ދަމާލެވެއެވެ. މިގަމީހުގައި ހަރުކޮށްފައިވާ ގޮށަކީ ވަކި ހާއްސަ ބާވަތެއްގެ މައުދަނަކުން ހަދާފައިވާ ގޮށެކެވެ. ގޮށް ހަރުކޮށްފައިވަނީ ފަސޭހައިން ނުނެއްޓޭހާ ވަރުގަދަ ރޮއްޖަކުންނެވެ. ކޮންމެ ފަދަ މޫސުމެއްގައި ވެސް މި ގަމީސް ލައިގެން އުޅެންވީއެވެ. ފަތިން ނުދާނެކަމާއި ގޮށް މޮހިގެން ނުވެއްޓޭނެކަމުގެ ޔަގީންކަން މިގަމީސް އުފެއްދި ވޯލްބެކް ކުންފުނިންދެއެވެ.