ހުރިހާ ކަމަކަށް އެއް ތަޅުދަނޑި
ހުރިހާ ކަމަކަށް އެއް ތަޅުދަނޑި

މިއީ ކޮންމެ ކަމަކަށް ޕާސްވޯޑެއް ބޭނުންވާ ޒަމާނެވެ. އެ ހުރިހާ އެެއްޗެއް ހަނދާނުގައި ބެހެއްޓުމަކީ ބޮޑު ކަމެކެވެ. އެކަމަކު މި މައްސަލައަށް ވެސް ހައްލު އެބަ އޮތެވެ.

އެއީ "އެވްރީކީ" އެވެ. މިއީ މުށުތެރެއަށްލައި ފޮރުވައިލެވޭހާ ކުޑަ މައުދަނު ފޮއްޗެކެވެ. މި މަސައްކަތްކުރާނީ މިއަށް ހުޅުވުމުގެ ބާރު ދީފައިވާ އެއްޗަކާ އަރާ ހަމަވުމުން ނުވަތަ ކަނޑައަޅާފައިވާ ހިސާބަކަށް ކައިރިވުމުންނެވެ. އަދި އެ ހިސާބުން ދުރަށް ދިއުމުން ތަޅުލެވެއެވެ.

އެވްރީކީގެ ބާރުން ފޯނާއި ލެޕްޓޮޕާއި ސްމާޓްތަޅު ވެސް ހުޅުވައިލެވެއެވެ. މިކަން ކުރެވޭނީ އެވްރީކީއަށް އެ ބާރު ދިނުމުންނެވެ. މި "ތަޅުދަނޑި" މަސައްކަތްކުރަނީ ހަމައެކަނި އިލެކްޓްރޯނިކް ޑިވައިސްތަކަކު ނޫނެވެ. ޕާސްވޯޑް ޖަހައިގެން ލޮގް އިން ވާންޖެހޭ ވެބްސައިޓްތަކަށް ވެސް ބޭނުންކުރެވެ އެވެ.

އެވްރީކީ އަކީ ވަރަށް ކުޑަކުޑަ ޑިވައިސް އެކެވެ. ފަސޭހައިން ގެއްލޭހާ ކުޑައެވެ. މި "ތަޅުދަނޑި" ގެއްލިއްޖެ ނަމަ ލަސްނުކޮށް އެވްރީކީގެ ވެބްސައިޓަށް ވަދެ އެވްރީކީ ޑިވައިސް ބޭނުން ނުކުރެވޭނެހެން "ފްރީޒް"ކުރެވޭނެއެވެ. އެހިސާބުން އެވްރީކީއިން މެނުއަލްކޮށް ވަނުމަށް އެދި މެސެޖެއް ފޮނުވާނެއެވެ.

އެވްރީކީ މަސައްކަތްކުރަނީ ރިޗާޖުކުރެވޭ ބެޓެރީއެއްގެ ބާރުންނެވެ. މި ބެޓެރީގައި 30 ދުވަހު ބާރު ހުރެއެވެ.