27 މާޗް 2018 - 22:10

ކުރީގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (ވެލާނާ އެއާޕޯޓް) ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުނިން މެލޭޝިއާ އެޕޯޓްސް ކޮމްޕެނީ (އެމްއޭއެޗްބީ) އާ އެކު ހެދި ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ (ޖީއެމްއައިއޭއެލް) ގައި އޮތް އެ ކުންފުނީގެ 23 ޕަސެންޓް ހިއްސާ 28.5 މިލިއަން ރިންގިޓް (103 މިލިއަން ރުފިޔާ) އަށް ވިއްކާލައިފި އެވެ.

މެލޭޝިއާގެ "ދަ ސްޓާ" ނޫހުން ބުނީ ޖީއެމްއާރާއެކު ހެދި ޖޮއިންޓްވެންޗާ ކުންފުނީގައި އޮތް އެމްއޭއެޗްބީގެ ހިއްސާ ވިއްކާލިކަން އެ ގައުމުގެ ސްޓޮކް އެކްސްޗޭންޖަށް މިއަދު އަންގާފައިވާ ކަމަށެވެ. އަދި އެމްއޭއެޗްބީން އެ ކުންފުނީގެ ހިއްސާ ޖީއެމްއާރަށް ވިއްކާލުމަށް މަޝްވަރާ ފެށީ 2014 ވަނަ އަހަރު ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓް (ކޭއެލްއައިއޭ) ވެސް ހިންގާ ކުންފުނިން ޖީއެމްއާރާއެކު 2010 ވަނަ އަހަރު ޖޮއިންޓްވެންޗާ ކުންފުންޏެއް އުފެއްދީ އެއާޕޯޓް ތަރައްގީކޮށްގެން، 25 އަހަރު ދުވަހު ހިންގާ ގޮތަށެވެ.
އެ ނޫހުގައި ބުނެފައި ވަނީ ރާއްޖޭގެ އެއާޕޯޓް ހިންގަން އުފެއްދި ޖީއެމްއައިއޭއެލްގެ 23 ޕަސެންޓް ހިއްސާ އެ ކުންފުނިން ގަތީ 6.9 މިލިއަން ޑޮލަރު (106.3 މިލިއަން ރުފިޔާ) އަށެވެ. އެ ކުންފުނީގެ ބާކީ 77 ޕަސެންޓް ހިއްސާ އޮތީ ޖީއެމްއާރަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޖީއެމްއާރާއެކު ހެދި އެއްބަސްވުން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެއީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަށް ބުނެ ނޮވެމްބަރު 27، 2012ގައި އުވާލައި، އެއާޕޯޓް އަލުން ހިންގަން ހަވާލުވެފަ އެވެ.
ނަމަވެސް އެ މައްސަލަ ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅުމުން 2016 ވަނަ އަހަރުގެ ފަހުކޮޅު ނިންމާފައި ވަނީ އެ އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި އެކަމުގެ ބަދަލުގެ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވަނީ 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ޖީއެމްއާރަށް އެއްފަހަރާ ދައްކައި ހަލާސްކޮށްފަ އެވެ.