އަޑުބަރޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، ކެޕްޓަން ބޭންޑް ނަގަން އޮތީ ނިންމާފައި
އަޑުބަރޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، ކެޕްޓަން ބޭންޑް ނަގަން އޮތީ ނިންމާފައި

ގައުމީ ފުޓްބޯޅަ ޓީމަށް މިއަދު ކުޅުން ހުއްޓާލި އަސްހަދު އަލީ (އަޑުބަރޭ) އޮތީ މި އަހަރު ކުޅުން ހުއްޓާލަން މާކުރިން ނިންމާފައި ކަމަށާއި އެހެންވެ އޭނާ އަތުން ކެޕްޓަން ބޭންޑް ނަގަން ނިންމި ކަމަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.

އަޑުބަރޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، ކެޕްޓަން ބޭންޑް ނަގަން އޮތީ ނިންމާފައި
އަޑުބަރޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، ކެޕްޓަން ބޭންޑް ނަގަން އޮތީ ނިންމާފައި

ސެގާޓް ވަނީ އަޑުބަރޭގެ ބަދަލުގައި ކެޕްޓަނަކަށް އަކްރަމް އަބްދުލްގަނީ ހަމަޖައްސައިފަ އެވެ.

އަޑުބަރޭ މިއަދު ގައުމީ ޓީމަށް ހުއްޓާލިކަން ކުއްލި ގޮތަކަށް ގޮތަކަށް އިއުލާންކުރީ ވަކި ސަބަބެއް ނުބުނެ އެވެ. ބެލެވިފައި އޮތީ އޭނާ އެގޮތަށް ނިންމީ ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އިއްޔެ ޓީމުން ވަކިކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ނިންމި ނިންމުމެއް ކަމަށެވެ.

އެކަމަކު ދަގަނޑޭގެ ބަދަލުގައި ކެޕްޓަންކަން ކުރަމުން އައި އަޑުބަރޭ އަތުން ބޭންޑް ނަގަން ކޯޗު ނިންމުމާ އަޑުބަރޭގެ ރިޓަޔާމަންޓާ ގުޅުން އެބައޮތް ކަމަށް މިހާރު ވަރަށް ބޮޑަށް ބެލެވެ އެވެ.

ދަގަނޑޭ ނެތުމުން ސިންގަޕޫރު މެޗުގައި ވެސް ކެޕްޓަންކަން ކުރި އަދި ދަގަނޑޭގެ ބަދަލުގައި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވި އަޑުބަރޭ އަކީ ޓީމުގެ ރަސްމީ ވައިސް ކެޕްޓަންކަމަށް އޭނާ ގާތު ކޯޗު ކުރިން ބުނެފައިވާ ކަމަށްވެ އެވެ. އެހެންވެ ދަގަނޑޭ ނެތުމުން ކެޕްޓަން ބޭންޑް އުސޫލެއްގެ ގޮތުން ލިބޭނީ އަޑުބަރޭ އަށެވެ. އެކަމަކު ކުއްލި ގޮތަކަށް ކޯޗު މިވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

"އަޝްފާގާ މި ދިމާވި ކަންތައްތަކަށް ފަހު އަހަންނަށް ޖެހުނު އާ ކެޕްޓަނެއް ހޯދަން. އަހަރެން ގާތުގައި އަޑޭ ބުނި މި އަހަރުގެ ކޮންމެވެސް ހިސާބަކުން ޓީމަށް ކުޅުން ހުއްޓާލާނެކަމަށް. އެކަމަކު އަހަރެން ބޭނުމީ ތިނެއް ނޫނީ ހަތަރު އަހަރު ކެޕްޓަންކަން ކުރެވޭނެ ކުޅުންތެރިއެއް. އެ ގޮތަށް ބަލާއިރު އެންމެ ރަނގަޅު ލީޑަރަކަށް ފެނުނީ އަކޫ،" ސެގާޓް ބުންޏެވެ.

އޭނާ ބުނީ މިއީ އަޑުބަރޭ އެންމެ ހިތްހަމަޖެހޭ ނިންމުމަށް ނުވެދާނެކަން އެނގޭ ކަމަށާއި އެކަމަކު މި ނިންމުން ނިންމީ ވަރަށް ވިސްނާފައި ކަމަށެވެ.

"މިއީ ސިކުނޑިން ވިސްނާފައި ނިންމި ނިންމުމެއް. ހިތުން ވިސްނާފައެއް ނޫން. އުއްމީދަކީ މިއީ އަހަރެން ނިންމި ރަނގަޅު ނިންމުމަކަށް ވާނެކަމަށް،" ސެގާޓް ބުންޏެވެ.

އާ ކެޕްޓަން އަކްރަމަކީ ގައުމީ ޓީމަށް ވަރަށް ގިނަ ދުވަހު ކުޅެފައިވާ ކުޅުންތެރިޔެކެވެ. އެކަމަކު އިންޑިއާގައި 2015 ވަނަ އަހަރުގެ ޑިސެމްބަރު އޮތް ސާފް ސުޒުކީ ކަޕުގެ ފަހުން އަކްރަމް ފުރަތަމަ ފަހަރަށް ގައުމީ ސްކޮޑުން ޖާގަ ލިބުނީ މިދިޔަ ޖޫން މަހު އެވެ. އޭނާ އަންނަނީ މިދިޔަ އަހަރު ނިއު އަށް ބަދަލުވި ފަހުން މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ ސީޒަނުގައި ނިއު އިން ހޯދި ކާމިޔާބީގައި އަކުރަމްގެ ދައުރު ބޮޑެވެ.

ރާއްޖެ އަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީގެ ކޮއްކޮ އަދި އޭނާއާ އެކު އެ ފަހަރު ޓީމުގައި ހިމެނުނު އަކްރަމަކީ ފަހަކަށް އައިސް ފެނުނު އެންމެ އިތުބާރު އެއް ޑިފެންޑަރެވެ. ގައުމީ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަކޫ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އަނެއްކޮޅުން އަޑުބަރޭ އަކީ މިދިޔަ ހަތަރު ވަރަކަށް އަހަރު ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގެ ޖާގަ ކަށަވަރުކޮށްފައިވާ އިތުބާރު ކުޅުންތެރިޔެކެވެ. އޭނާގެ މަސައްކަތުގެ ރޭޓާއި ޓީމު ރޫހު ގިނަ ކޯޗުން ފާހަގަކުރެ އެވެ.