ފާސްބަސް
ފާސްބަސް

އާދިއްތަ ދުވަހާ ގުޅޭ

މާލެއިން ބަސްމާ އެރުވި ކާރު ފުލުހުންނަށް ފެނުނެވެ. އެ ކާރުގެ ވެރިފަރާތަކީ ރުޝްދީއެވެ. އޭނަ ސިންގަޕޫރުގައި އުޅޭތާ ހަފުތާއެއް ވެއްޖެއެވެ. ކާރުގެ ތަޅުދަނޑި އޮންނަ މީހުންގެ އަދަދު ގިނައެވެ. ރުޝްދީގެ ޢާއިލާގެ މީހުންނެވެ. ޢާއިލާ މީހުންގެ އެކުވެރިންނެވެ. އެކުވެރިންގެ ރައްޓެހިން ވެސް އެ ކާރު ދުއްވައެވެ. ކާރުގެ ވެރިފަރާތް އެނގުމަކުން ވީ އެއްވެސް ފައިދާއެއް ނެތެވެ. ބަސްމާ ވަގަށް ނެގި މީހުން ހުޅުމާލޭގައި ބަސްމާ ގެންގުޅެނީ ކާރެއްގައިކަމެއް، ޖިޕެއް ނުވަތަ ވޭނެއްގައި ކަމެއް ނޭނގެއެވެ.

ބޭނުންވި ފޮޓޯނެގުމަށް ފަހު ޔާސިރާއި މާޒިން ވަނީ ކޮފީޝޮޕަކަށެވެ. އެ ތަނުގައި އަނގަތަޅަން ތިއްބައި، ޓީވީން ބަސްމާގެ ފޮޓޯއެއް ދެއްކި ތަން ފެނުނެވެ. ހުޅުމާލެ ބޮޑުވެފައި، ގަސް ގިނަވެފައި، ކެމެރާ ހަރުކުރެވިފައިވާލެއް މަދުކަމުން ބަސްމާގެ އިތުރު މަޢުލޫމާތެއް ނުލިބޭކަމުގައި ޓީވީން ކިޔެވެ. ޔާސިރު ހިތަށްއެރިއެވެ. ފޮޓޯނަގަން އުޅެނިކޮށް ފެނުނު ކާރުގައި އިނީ ބަސްމާ ހެއްޔެވެ؟ ހިތަށް އެހެން އެރިޔަސް އެ ކަމާ މާޒިނާ މަޝްވަރާއެއް ނުކުރެއެވެ. ބޭނުމެއް ނެތީމައެވެ. އެ ކާރުގެ ވެރިފަރާތަކީ އަންވަރު ކަމާއި، ބަސްމާޔާ ދާދި އެއް އުމުރެއްގެ ދަރިއެއް ވެސް އަންވަރުގެ ހުންނަ ކަމުގައި މާޒިން ބުނެފައި ވީތީއެވެ.

"އަހަރުމެންނަށް ފެނުނު ކާރުގެ ވާހަކައާ، އެ ކާރުގެ ތެރެއިން ކުޑަކުއްޖަކު ހަޅޭއްލެވި އަޑު އިވުނު ވާހަކަ ޕޮލިހަށް އަންގަން ފެނޭތަ؟" އެންމެ ފަހުން ޔާސިރަށް ނީނދެވިގެން އެހިއެވެ. "ފަހަރެއްގަ ހަމަ.."

"އޭރުން ތި ޖެހުނީ އަނެއް ކަންތައް،" ޗޮކެއްކަނޑައިފައި މާޒިން ބުންޏެވެ. "އިރު އޮއްސޭއިރު ވެސް އަހަރުމެން ތިބޭނީ ހުޅުލޭ ޕޮލިސް ސްޓޭޝަންގަ. ހަވީރު މަ އެބަޖެހޭ ވަރަށް މުހިންމު މީހަކާ މީޓުކުރަން މާލެ ދާން ވެސް. އެހެން ނޫނަސް އަންވަރު ނުކުރާނެ އެ ކަހަލަ ކަމެއް. ގެރެންޓީ!"

ކެމެރާއަށް ނެގިފައިވާ އެތައް ބައިވަރު މަންޒަރުތަކެއް ފުލުހުން ހާވަންޖެހުނެވެ. ބަސްމާ ވަގަށްނެގި ޒުވާން އަންހެންކުއްޖާ ކާނިވަލަށް އައީ ކިހިނެއް، ކާކާއެކުގައި ހެއްޔެވެ؟ އެއީ ސީދާ ބަސްމާއަށް އަމާޒުކޮށްގެން ރާވާފައިވާ ރޭވުމެއް ހެއްޔެވެ؟ ނުވަތަ ނުބައި ވަގުތެއްގައި ނުބައި ތަނެއްގައި ބަސްމާއަށް ހުރެވުނީ ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ޓަކައި، އެ ޒުވާން އަންހެންކުއްޖާ ގެއިން ނުކުމެގެން ކާނިވާ ޞަރަޙައްދަށް އައި ގޮތް އެނގުން ސަލްމާނަށް ވަރަށް މުހިންމެވެ. އެހެނަސް އެއީ،ދޮންވެލި ފުންޏެއްގެ ތެރެއިން ސާގުފުކެއް ހޯދުން ކަހަލަ ކަމެކެވެ. އިންސާނުންނަކީ ކަންކަން އަމިއްލައަށް ތަޖުރިބާކޮށްލަން ބޭނުންވާ ބަޔެކެވެ. ކުޑަކުދިން ވަގަށްނެގުން ރާއްޖޭގައި އާންމު ނޫނަސް އެއީ ދުނިޔޭގައި އާންމުކަމެކެވެ. މޮޔަ ޚިޔާލެއް ހުރި ޒުވާން އަންހެންކުއްޖަކު މޮޔަ ކަމެއް ތަޖުރިބާ ކޮށްލަން ބޭނުންވީ ހެއްޔެވެ؟ ސަލްމާނަށް ލިބިފައިވާ ތަމްރީނުގެ އަލީގައި އެއް ކަމެއް ސަލްމާނަށް ކަށަވަރުވިއެވެ. ކުށުގެ އާ އުސްމިނަކަށް ބަސްމާގެ ހާދިސާ ދިޔުމަކީ ދުރުކަމެއް ނޫނެވެ. ދިވެހިރާއްޖެ ކުރިން ދެކިފައި ނުވާހާ ރަޙުމުކުޑަ ހާދިސާއަކަށް ވެސް ބަސްމާގެ ހާދިސާ ވެދާނެއެވެ.

ކެމެރާތަކުން ވަގުތުން ފެންނަ މަންޒަރުތަކާއި، އެކި ކެމެރާތަކަށް ކުރިން ރެކޯޑުވެފައިވާ މަންޒަރުތައް ބެލުމުގައި، ހުއްޓައި ނުލައި އެތައް ފުލުހުންނެއް އެއްފަހަރާ މަސައްކަތް ކުރަމުންދިޔައެވެ. ކޮންޓުރޯލުރޫމް ހީވަނީ ހަލަބޮލި މާރުކޭޓެއް ހެންނެވެ. ސަލްމާން އެ ތަނުން ނުކުތެވެ. ތަންކޮޅެއް އަޑު މަޑު ހިސާބަކަށް ދިޔައެވެ. ފޯނު ނަގައިފައި ނަންބަރުތަކަކަށް ފިއްތައިލިއެވެ. ސަލްމާން ގުޅަން ބޭނުންވި ނަންބަރު ހުރީ އެންގޭޖު ވެފައެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނަން ސަލްމާން ހުއްޓައި ފޯނު ރަނގަބީލުވާން ފެށިއެވެ. އަރައިފައި އޮތީ އިނާޔާގެ ނަމެވެ. އެއީ ސަލްމާން ގުޅަން މަސައްކަތްކުރި މީހާއެވެ.އޭނައަކީ ޒުވާނުންނާ ގުޅުންހުރި އެކި ކަހަލަ ސީރިޔަސް މައްސަލަތައް ޙައްލުކުރާނެ ގޮތުގެ ތަމްރީން ހޯދައިފައިވާ މީހެކެވެ.

"އަހަންނަށް ވެސް އެނގޭ އިންސާނުންނަކީ ކޮޕީކެޓުންކަން،" ސަލްމާން ބުންޏެވެ. "އެކަމަކު ދިވެހި ޒުވާން އަންހެންކުއްޖަކަށް ކެރިދާނެތާ ކުޑަކުއްޖަކު މަރާލަން؟ ވާހަކަތަކާ ފިލްމުތަކުން މި ފެންނަނީނު ކުޑަކުދިން ކިޑްނެޕް ކޮށްގެން ގެންގޮސް.."

"ބޭނުމެއް ނޫން މިހެން ބުނާކަށް،" އިނާޔާ ތަންކޮޅެއް އުނދަގުލުން ބުންޏެވެ. "ވަރަށް ފަހުން ތި ކަހަލަ ހާދިސާއެއް ހިނގި. ޒުވާން ފުރައިގެ ދެ އަންހެންކުދިން، ޝޮޕިންމޯލެއްގެ ތެރެއިން ކުޑަކުއްޖަކު ވަގަށްނެގި. އެ ކަހަލަ ޚަބަރުތައް އާންމުވުމުގެ އިތުރަށް، ޒުވާނުން ޝައުޤުވެރިވާ ގޮތަށް އެ ކަހަލަ ކަންކަން ފިލްމުތަކުން އެބަ ދައްކާ. ފިލްމެއްގަ މީހަކު މީރުކޮށް އެއްޗެއް ކާތަން ފެނުނީމަ އަހަރުމެން ބޮޑެތި މީހުން އެބަ ބޭނުންވޭ ހަމަ އޭތި ކާން. ވަކި ގޮތަކަށް އިސްތަށިގަނޑު ފުނާއަޅާފަ ހުއްޓާ ފެނުނީމަ އެ ގޮތަށް ބޯހަދާ ހިތް ވޭ! ހެދުމެއް ފެނުނީމަ މަ ވެސް އެބަ ބޭނުންވޭ އެ ގޮތަށް ހެދުމެއް ފަހަން. ދެން ކޮބާ ޒުވާނުންގެ ހާލަކީ؟ ކިތަންމެ ބޮޑު ކުށަކަށް ވިޔަސް، ބައެއް ފަހަރު ބޭނުންވާނެ އެ ކަން ތަޖުރިބާކޮށްލަން. މި ދެވުނީ ދިގު ޖަވާބު. ކުރު ޖަވާބަކީ، އާނއެކޭ އެ ކުއްޖާއަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނޭ. ހެޔޮނުވާނެ އިރު އޮއްސުމުގެ ކުރިން އެ ކުއްޖާ ހޯދާ! ސަލްމާންގެ މުޅި ޑިޕާޓްމަންޓުގެ އެންމެން ނެރެގެން ވިޔަސް ހެޔޮ."

ސަލްމާނަކަށް ކޮންޓުރޯލު ރޫމަކު ނީނދެވުނެވެ. ލޯންޗެއްގައި ހުޅުމާލެއަށް ދިޔައެވެ. ފުލުހުންގެ ކާރެއްގައި ޚުދު ސަލްމާން ވެސް ބަސްމާ ހޯދުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވިއެވެ. ސަލްމާންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ނުތަނަވަސްކަމެވެ. ހިތާހިތުން ސުވާލު ކުރެވުނެވެ. ތިން އަހަރުގެ ކުޑަކުޑަ ކުއްޖަކު، ރޯމާ ދުވާލު ވަގަށްނަގަން، ފުރާވަރު އުމުރުގެ އަންހެންކުއްޖަކަށް ކެރުނީ ކިހިނެއް ހެއްޔެވެ؟ އެ ޒުވާން އަންހެންކުއްޖާ ތަރުބިއްޔަތު ކުރީ ކޮން ކަހަލަ މަންމައަކާއި ބައްޕައެއް ހެއްޔެވެ؟ ހުޅުމާލޭގެ ހޫނު މަގުތަކުގައި، އެކި ދިމަދިމާއަށް ނަޒަރުހިންގަމުން ސަލްމާން ދަތުރުކުރިއެވެ. ހައިހޫނުކަމުގެ އިހުސާސެއް ސަލްމާނަކަށް ނުކުރެވެއެވެ.

"ސަރ!" ކުއްލިއަކަށް ޓޯކީން ގޮވައިލި އަޑު އިވުނެވެ. "ގުޑް ނިވްސް. ކިޑްނެޕަރ އައިޑެންޓިފައި ވެއްޖެ!"

މައްސަލައަށް ލިބުނު ކުރިއެރުން ސަލްމާނަށް އަދާހަމަ ކޮށްދިނީ މާލެއިންނެވެ. ބަސްމާ "ޖަހައިގަތް" އަންހެންކުއްޖާ ލައިގެން ހުރި ހެދުމުން މީހަކަށް އެ ކުއްޖާ އެނގުނީއެވެ. ފުލުހުންނަށް ގުޅީ އެ މީހާއެވެ. އެ އަންހެންކުއްޖަކީ އައިމިނަތު މަހާއެވެ. އުމުރަކީ ތޭރަ އަހަރެވެ. މާލޭގެ ގެދޮރު ހުރި ޢާއިލާއެއްގެ ކުއްޖެކެވެ. ބަސްމާ ވަގަށްނެގި "ޒުވާން އަންހެންކުއްޖާ" އަށް ނަމެއް ލިބުނީއެވެ. މޫނަކާއި، މަޢުލޫމާތު ހޯދޭނެ މަގެއް ތަނަވަސްވީއެވެ.

ކޯޓު އަމުރެއް ހިފައިގެން އިސާހިތަކު ފުލުހުންގެ ޓީމެއް މަހާގެ ގެއަށް ދިޔައެވެ. އެ ގެއަކީ، އާދައިގެ ފެންވަރަށް ވުރެ ތަނަވަސް ގެއެކެވެ. މަހާއަކީ، އެ ޢާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖާއެވެ. ދެން ހުންނަނީ ދޮށީ ބޭބެއެކެވެ. ހިތާމައަކީ، ޢާއިލާގެ އެކަކު ވެސް މަހާ ގެއްލިގެން ނޫޅޭކަމެވެ. ބަސްމާ ގެއްލިގެން އުޅޭކަން އެ މީހުންނަށް އެނގެއެވެ. ޓީވީން އެ ޚަބަރު ބަލަން އޭރު ވެސް މަހާގެ މަންމައާއި ބައްޕަ ތިއްބެވެ. މަހާގެ ބިރުވެރި ޚަބަރު މައިންބަފައިންނަށް ދިނުމުން އެކަކަށް ވެސް އެ ވާހަކަ ގަބޫލެއް ނުކުރެވުނެވެ. މަހާގެ ބައްޕަ ޝާކިރު ދުވެފައި ގޮސް މަހާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ޝާކިރު ހިތުން މަހާ އޮތީ ނިދައިފައެވެ. އެކަމަކު ކޮޓަރިއާއި، ފާޚާނާއާއި، މުޅި ގެ ބެލިއިރު ވެސް މަހާއެއް ނެތެވެ. އޭނަ ގެއިން ނުކުތްއިރެއް، ދިޔަ ތަނެއް އެނގޭ މީހަކު ވެސް ނެތެވެ. މަހާއަށް ގުޅިއިރު ފޯނު އޮތީ ނިއްވައިލައިފައެވެ. މަހާޔާ އެންމެ ގާތްކޮށް އުޅޭ ހުރިހައި އެކުވެރިންނަށް ޝާކިރު ގުޅިއެވެ. މަހާ ވީ ތަނެއް އެކަކަށް ވެސް ނޭނގެއެވެ. މަހާ ދިފާޢުކޮށް، ރުޅިއައުމުގެ ބަދަލުގައި ޝާކިރު ގަސްތުކުރީ ފުލުހުންނަށް އެއްބާރުލުން ދޭށެވެ.

"އަޅުގަނޑުމެން ބޭނުން މަހާގެ ކޮޓަރި ފާސްކުރަން،" ފުލުހުން އިޙުތިރާމާ އެކުގައި އެދުނެވެ. "އޭނަގެ ލެޕްޓޮޕެއް ނޫނީ ޓެބެއް އޮތިއްޔާ އެ ވެސް ބޭނުން. މިއޮތީ ކޯޓު އަމުރު."

ޝާކިރު ކޯޓު އަމުރު ކިޔައިލިއެވެ. ޙަޤީޤަތުގައި އެ އަމުރު ވަރަށް ވަރުގަދައެވެ. އަމުރު ދެއްކުމަށް ފަހު ފުލުހުން އިތުރު ވާހަކައެއް ދައްކާކަށް ނުވެސް ޖެހެއެވެ.

"އޭނަގެ އެންމެ ފަހުގެ ފޮޓޯއެއް ވެސް ބޭނުން،" ފުލުހުން އެދުނެވެ. "އަށާރަ އަހަރު ނުފުރޭތީ މީޑިޔާއަކަށް ފޮޓޯ އާންމެއް ނުކުރާނަން. އެކަމަކު އަޅުގަނޑުމެންނަށް ފަސޭހަވާނެ ފޮޓޯއެއް އޮތިއްޔާ!"

މަހާ މަންމަގެ މައިލަގޮނޑިއަކަށް ކެތެއް ނުވިއެވެ. ތިމާގެ ދަރިފުޅު، ކުޑަކުއްޖަކު ވަގަށްނަގާފާނެ ކަމަކަށް ފަޒީނާ ގަބޫލެއް ނުކުރިއެވެ.

"ތިހެން ކިޔާފަ ކަލޭމެން ފޮޓޯ ވައްޓާލާނީ ނެޓަށް. މަށަށް އެނގޭ ކަލޭމެންގެ ފެންވަރު. ކަލޭމެންނަކީ އެއްކޮޅަށް ގޮސް ހުސްވެފަ ތިބޭ ބައެއް. އެކަމަކު އަހަންނަށް އެނގޭ އަހަރެންގެ ދަރި،" ރުޅިއައިސްފައި ފަޒީނާ ބުންޏެވެ. "އޭނައަކަށް ނުކެރޭނެ ކުއްޖަކު ވަގަށްނަގާކަށް. ވަރަށް ކެރިގެން މި ބުނަނީ ނުކެރޭނޭ."

"ދެން ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތޭ ފަޒީނާ،" މާޔޫސްކަމާ އެކުގައި ޝާކިރު ބުންޏެވެ. "ކިހާ ވަރަކަށް ދަރިފުޅު އެނގޭތީ އޭނަ ވީ ތަނެއް ނޭނގިގެން މި އުޅެނީ. މި އަންނަނީ ފޮޓޯއެއް ހިފައިގެން. އެހެރީ މަހާގެ ކޮޓަރި. ވަންނަވާ! ބޭނުން އެއްޗެއް ގެންދަވާ!"

ޝާކިރުގެ ކޮޓަރިއަށް ޝާކިރު ވަނުމުން ފަހަތުން ފަޒީނާ ވެސް ދިޔައެވެ. ފުލުހުން ވަނީ މަހާގެ ކޮޓަރިއަށެވެ. ދެމަފިރިން ކޮޓަރިތެރޭގައި ވަރަށް ގިނައިރު ވިއެވެ. އެހެންނަމަވެސް، ގަދަބާރުން އެއްވެސް ކަމެއް ނުކުރަން ފުލުހުންނަށް އޮތީ އޯޑަރު އައިސްފައެވެ. ނޫން ނަމަ، ސިކުންތުކޮޅެއް ތެރޭގައި ފޮޓޯއާއި ދެން ވެސް ބޭނުންވި ހުރިހައި އެއްޗެއްހިފައިގެން ފުލުހުންނަށް ނުކުމެވުނީހެވެ. ހިމޭން ބަހުސަކަށް ފަހު ފަޒީނާގެ ރުހުމާ ދެކޮޅަށް ޝާކިރު ފޮޓޯ ގެނެސް ފުލުހުންނާ ހަވާލުކުރިއެވެ. ފުލުހުން އެ ތަނުން ނުކުތީ، ފުލުހުންގެ ތެރެއިން އެކަކު ގޭގައި ބަހައްޓައިފައެވެ. ފަހަރެއްގައި ނަމަވެސް މަހާ ގުޅައިފާނެކަމަށް ޓަކައެވެ. ވީ ވެސް އެހެންނެވެ. ފުލުހުންގެ ޓީމު ނުކުތްތަނާ ޝާކިރުގެ ފޯނު ރަނގަބީލުވިއެވެ.

"މަހާގެ ކޯލެއް!" ޝާކިރަށް ބުނެވުނެވެ.

ނުނިމޭ