27 މާޗް 2018 - 15:56

ރިޔާޒް (މާޗް 27) - ޔަމަނުގެ ހޫތީން ދޭ މިސައިލް ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށް ބުނެ އެ ގައުމުގެ ކިބައިން ބަދަލު ހިފަން ޖެހިދާނެކަމުގެ އިންޒާރު ސައުދީ ކޯލިޝަނުން ދީފި އެވެ.

ހޫތީން ފޮނުވި ހަތް މިސައިލް ހުއްޓުވާފައިވާ ކަމަށް ސައުދީ އަރަބިއާ އިން އާދިއްތަ ދުވަހު ވަނީ ބުނެފަ އެވެ. މީގެ ތެރޭން އެއް މިސައިލް ވަނީ ވެރިރަށް ރިޔާޒަށް ފޮނުވާލައިފަ އެވެ. ހޫތީން މިސައިލް ހަމަލާދީފައި މި ވަނީ ސައުދީ ކޯލިޝަނުން ވައިގެ ހަމަލާތައް ދޭން ފެށިތާ ތިން އަހަރު ފުރުނު ދުވަހު އެވެ.
ސައުދީ އަށް ވެއްޓިފައިވާ މިސައިލްގެ ބައިތައް ދައްކާލުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަނުގެ ތަރުޖަމާން ތުރްކީ އަލް މާލިކީ ވިދާޅުވީ ފޮރެންސިކް ތަހުލީލުން އެނގިފައި ވަނީ އެއީ އީރާނުގައި އުފައްދާފައިވާ މިސައިލް ކަމަށެވެ. އަދި ހޫތީންނަށް އެ ތަކެތި ފޯރުކޮށް ދެނީ އީރާނުން ކަމަށް ބުނެފައިވެ އެވެ.
"ރަނގަޅު ވަގުތުގައި އީރާނަށް ހަމަލާ ދިނުމުގެ ހައްގު ކޯލިޝަނަށް ލިބިގެންވޭ،" ތަރުޖަމާން ވިދާޅުވި އެވެ.
ހޫތީންގެ މިސައިލް ހަމަލާތަކުގައި ރިޔާޒުން ވަނީ މީހަކު މަރުވެފަ އެވެ. މިއީ ހޫތީންގެ ހަމަލާއެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި މިސްރުގެ ރައްޔިތެއް ކަމަށްވާ އަބްދުލް މުއްތަލިބް އަހުމަދު، 38، މަރުވެފައި ވަނީ އޭނާގެ ނިދަން އޮއްވާ ފުރާޅު ފޫއަޅުވާލަފައި ވެއްޓުނު މިސައިލުގެ ބަޔަކުން ޖެހިގެންނެވެ. އެ ކޮޓަރީގައި ތިބި މިސްރުގެ ތިން މީހަކު ވެސް ވަނީ ޒަޚަމްވެފަ އެވެ. އެ މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.