27 މާޗް 2018 - 15:42

ޑިއުޓީ އާއި އެހެނިހެން އާމްދަނީގެ ގޮތުގައި މިދިޔަ މަހު ކަސްޓަމަށް ލިބުނު މިންވަރު 20 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ކަަސްޓަމުން ބުނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހާ އަޅައިބަލާއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ މަހު ލިބުނު އަދަދު ދަށްވީ، ސިނގިރޭޓްގެ ޑިއުޓީ މިދިޔަ އަހަރުގެ މާޗު ދެ ވަނަ ދުވަހުން ފެށިގެން ބޮޑު ކުރުމުން ބޮންޑެޑް ވެއާހައުސްގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓަށް ޑިއުޓީ ދައްކައި، ކްލިއާ ކޮށްފައިވާތީ ކަމަށެވެ. އެގޮތުން މިދިޔަ މަހު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް 257 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 323 މިލިއަން ރުފިޔާ ލިބުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކަސްޓަމުން ބުނީ މިދިޔަ މަހު އިމްޕޯޓްކުރި މުދަލުގެ އަގު 26 ޕަސެންޓް އިތުރުވި ކަމަށެވެ. އަދި މިދިޔަ މަހު 3.05 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ މަހު މުދާ އެތެރެކުރި ގައުމުތަކަށް ބަލާއިރު އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ ސިންގަޕޫރުންނެވެ. އެ ގައުމުން އެކަނި ވެސް 683 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކްސްޕޯޓުކުރި މިންވަރު ވަނީ 20 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 299 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު އެކްސްޕޯޓްކުރީ 240 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓްކުރި މުދަލުގެ 50 ޕަސެންޓް އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ. އެއީ މަހުގެ ބާވަތްތަކެވެ.